ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 މެލޭޝިއާގައި ވެސް ބާރަށް ފެތުރެމުންދާތީ އެގައުމުގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އެކަމާއި ގުޅިގެން ހައިކޮމިޝަނުން ނެރުނު ދެންނެވުމުގައި ވަނީ ވައިރަސްގެ އަލާާމާތްތައް ފެންނަ ނަމަ ނުވަތަ ޝައްކުވާނަމަ އެކަމާ ގުޅިގެން ގާއިމްކޮށްފައިވާ ސެންޓަރަށް ގުޅާ އެންގުމަށް އެދޭކަމަށެވެ. އަދި އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި ކޮންމެހެން ދާންޖެހިގެން ނޫނީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުދިޔުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ދޫނިސޫފާސޫތްޕާއި ޖަނަވާރު ގެންގުޅެ ވިއްކާ ތަންތަނަށް ނުދިޔުމަށާއި އެއްގަމު މަހާއި ބިސް ފަދަ ތަކެތި ރަނގަޅަށް ރޯފިލުވައިގެން ކެއުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިން ހައިކޮމިޝަނުގައި ރެޖިސްޓްރީވުމަށް ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބަލީގެ އަލާމާތެއް ހުންނަކަމަށް ޝައްކުވާނަމަ ނުވަތަ އެޑްމިޓްވާނަމަ ނުވަތަ ބައްޔަށް ސްކްރީނުކޮށް ހޯމް ސާވިއަލެންސް ގައި ހުރުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެކަން ލަސްނުކޮށް ހައިކޮމިޝަނަށް އެންގުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ހަލުވިކަމާއިއެކު ފެތުރެމުންދާ މިވައިރަސްގެ ސަބަބުން މިހާތަނަށް 3500 އަށްވުރެން ގިނަމީހުން ވަނީ މިބަލީގައި މަރުވެފައެވެ. މެލޭޝިއާއިން މިހާތަނަށް 93 މީހަކަށް މި ބަލިޖެހިފައިވާއިރު ރާއްޖެއިން 2 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.