twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ ހަރަދުތައް ކުޑަކުރަން އަންގައިފި

ނަބީލާ އިސްމާޢީލް
Mar 17, 2020

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތު ކަނޑާލަން މަސައްކަތް ފަށައިފި އެވެ.

މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކަނޑަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އިއްޔެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ މަޖިލީހަށް ކުރެވޭނެ ކަމެއް ކަމަށާއި އެހެންކަމުން ހަރަދުތައް ކުޑަކުރަން ކުރަން ޖެހޭ ކަންކަން މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް އަންގަވާފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހަރަދުތައް ކުޑަކުރުމަށް މަޖިލީހުގެ ކޮއްތު ހުރިހާ އެއްޗެއް ކެނޑުމަށް އީވާ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކު 87 މެމްބަރުން ތިބޭ މި

މަޖިލީހުގެ ކޮއްތަށް ކޮންމެ މެމްބަރަކަށް ދުވާލަކު 159.88 ރުފިޔާ ހަރަދުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮއްތު ކަންކަން ކުރިއަށް ގެންދަނީ ބިޑް އުސޫލުން އިއުލާންކޮށްގެން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެންނެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް މަޖިލީހުން ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ ހަރަދުތައް ކުޑަކުރަން އަންގާފައި ވާއިރު ރައްޔިންތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 ޕަސަންޓު އުނިކޮށްދޭން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުުން އިއްޔެ ވަނީ އެދިފައެވެ.

މަހަކު 42500 ރުފިޔާ މުސާރައިގެ އިތުރަށް މެމްބަރުންނަށް 40،000 ރުފިޔާއާ ހަމައަށް އެލަވަންސްވެސް ލިބެއެވެ. އެއީ 20،000 ރުފިޔާގެ ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއެވެ. އޭގެ ތެރެއިން ކޮމިޓީ އެލަވަންސަކީ މެމްބަރުގެ ކޮމިޓީ ހާޒިރީއަށް ބަލާފައި ދޭ އެލަވަންސެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355