ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އައްޑޫ ހިތަދޫގެ ކުޑަކުއްޖެއްގެ ޓެސްޓެއް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
"މިހާރު" ނޫހަށް މައުލޫމާތު ދެމުން އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވީ އުމުރުން 7-8 އަހަރާ ދެމެދުގެ އެ ކުއްޖާގެ ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް ގެންދަން އެޗްޕީއޭ އިން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށް އަންގާފައިވާ ކަމަށެވެ.
އިންޑިއާގެ ކޮޗިން އިން އައްޑު އަށް އިއްޔެ ދިޔަ އެ ކުއްޖާގެ ޓެސްޓް ކުރިއަށް ގެންދާތީ ކުއްޖާ ދިރިއުޅޭގެ 14 ދުވަހަށް "ބަންދު" ކޮށްފައިވާކަން ކަން އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.
އެޗްޕީއޭގެ އެންގުމުގައި ވަނީ ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެހެން އެންގުމެއް އަންގަންދެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިތަދޫ އެ ގެ 14 ދުވަހުގެ މުއްދަތަށް "ބަންދު" ކޮށްފަ އެވެ.
އެހެންވެ އެ ގޭގައި ތިބި ބަޔަކަށް އިތުރު އެއްވެސް ކަމެއް އަންގަން ދެން އެ ގެއިން ބޭރަށް ދިއުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް ބަޔަކު އެ ގެ އަށް ވަނުން މަނާކޮށްފައިވާ ކަމަށް ވެސް އެންގުމުގައި ވެ އެވެ.
އެ ކުއްޖާ ކޮޗިން އިން އައްޑު އަށް ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކުރުމަށް ފަހު ކަމަށް ވެ އެވެ.
ރާއްޖެ އިން ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު އަދި ނުހިމެނެ އެވެ. ރާއްޖެ އިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކާއި 11 ޓޫރިސްޓެކެވެ.