twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

Mar 18, 2020

މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެއްވެސް ރަށެއް "ބަންދު" ކޮށްފި ނަމަ އެ ރަށެއްގައި ވެސް އެ ގޮތަށް އަމަލު ކުރާނެ ކަމަށެވެ.

އެގޮތުން މިއަދު މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް މާލެ ސަރަހައްދާއި ރިސޯޓްތަކުގައި ފަރުޟު ނަމާދު ޖަމާއަތުގައި ނުކުރުމަށާއި ހުކުރު ނަމާދު ނުކުރަން ވަނީ ނިންމާފަ އެވެ.

މިނިސްޓްރީގެ މި ނިންމުން އައީ، ރާއްޖެ އިން ވެސް ކޮވިޑް-19 ބަލީގެ 13 މީހަކު ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ނޫޅުމަށް ސިއްހީ އިދާރާތަކުން އެދިފައި ވަނިކޮށެވެ. އެއީ އެ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެކެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެ އަށް ވެސް ބޮޑުކަމުން ސަރުކާރުން ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މުޅި ރާއްޖެ އަށް އިއުލާނުކޮށްފަ އެވެ.

ރާއްޖޭގައި މި ގޮތަށް ނިންމި އިރު ސައޫދީ އަރަބިއްޔާ އިން ވަނީ ދެ ހަރަމްފުޅު ކަމަށްވާ މަސްޖިދުލް ހަރާމް އާއި މަސްޖިދުއް ނަބަވީ ފިޔަވައި އެހެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ހުއްޓާލައިފަ އެވެ. އިސްލާމީ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.

ކޮވިޑް-19 މިހާތަނަށް މުޅި ދުނިޔެއިން 198،400 އަށް ވުރެ ގިނަ މީހުންނަށް ޖެހި އޭގެ ތެރެއިން 82،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 7،987 މީހަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355