ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޝައްކުވާ އަލާމާތްތަކެއް ހުރި އައްޑޫ، މަރަދޫ އަދި ތ.ގުރައިދޫ ތިން ދިވެއްސެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ބަލީގެ އަލާމާތްތަކެއް ފެނިގެން އައްޑޫ، މަރަދޫ އިން ދެ މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި މެލޭޝިޔާއިން ރާއްޖެ އައި ދިވެއްސަކު ހިމެނޭކަމަށެވެ. މަބްރޫކް ވިދާޅުވީ އޭނާ ރާއްޖެ އައިސްފައި ވަނީ މެލޭޝިޔާ އިން ރާއްޖެއަށް މީހުން އައުން މަނާކުރުމުގެ ކުރިން ކަމަށެވެ.
ބަލީގެ އަލާމާތްތަކެއް ހުރެގެން މަރަދޫއިން ދެން ސާމްޕަލް ނެގި މީހާއާއި ތ. ގުރައިދޫއިން ސާމްޕަލް ނަގާފައިވާ މީހާ އަކީ އިންޑިއާއިން އައި މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ވައިރަހުން ރައްކާތެރިވުމަށްޓަކައި އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ކިރިޔާވެސް ވައިރަހަށް ޝައްކުވާ އަލާމާތެއް ފެންނަ މީހެއް ނަމަ ޓެސްޓުކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ބޭރު ގައުމުތަކަށް ދަތުރުކޮށްފައި އައި އިތުރު ހަތް ދިވެއްސަކު ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓް ހެދުމަށް ސާމްޕަލް ނަގައި ގޭގައި ވަނީ އެކަހެރިކޮށްފައެވެ.
އެ މީހުންގެ ތެރެއިން ފަސް މީހަކު އައިސްފައިވަނީ މިހާރު ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނަ އިންޑިއާއިންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޓްރިވިންޑްރަމް އިން އައި ދެމީހަކާއި ކޮޗިން އިން އައި ދެ މީހަކު އަދި ބެންގަލޫރުން އައި މީހެކެވެ. ދެން ތިބި ދެ މީހުން އައީ ލަންކާއިންނެވެ.
މަބްރޫކް ވިދާޅުވީ ސާމްޕަލް ނެގުން ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާގައި ވެސް ސާމްޕަލްތައް ނެގުން އިތުރުކުރާނެ ކަމަށެވެ.