twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރާއްޖޭން ވައިރަހަށް ޕޮޒިޓިވްވި ދެ މީހަކު ރަަނގަޅުވެއްޖެ

ޚަދީޖާ އާދަމް
Mar 20, 2020

ރާއްޖޭގައި ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވި ދެ މީހަކު އެ ބަލިން ފަސޭހަވެފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ. އެ ދެ މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ މީހުންނެވެ.

މިރޭ ސަރުކާރުން ހާމަކުރި ގޮތުގައި އެ ދެ މީހުން ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފަ އެވެ. ކޮވިޑް-19 އިން ފަސޭހަވެފައިވާ ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ.

ދެ މީހުން ވެސް މިހާރު ތިބީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ. އެތަނުން 70 އަހަރުގެ މީހާ ހާލު ދެރަވެގެން މި މަހުގެ 10 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. އެމީހާގެ ހާލު އޭރު ވެސް ދިޔައީ ދަށްވަމުންނެވެ. ނަމަވެސް އިއްޔެ ސަރުކާރުން ވަނީ މީހާގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ވެސް ހާމަކޮށްފަ އެވެ.

މިރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ އެ ދެ މީހުންގެ އިތުރު ޓެސްޓްތަކެއް ހަދާފައިވާ ކަމަށާއި އެ ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުން ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންވެ، ޑަބްލިއުއެޗްއޯގެ ޕްރޮޓްކޯލްއާ އެއްގޮތަށް އެމީހުން ހޮސްޕިޓަލް ދޫކޮށްލައި ދެން އަމަލު ކުރާނެ ގޮތަށް ހަމަޖައްސަމުންދާ ކަމަށެވެ.

.އެ ދެ މީހުން އެއްކޮށް ދޫކޮށްލާނީ 30 ދުވަހު ކަރަންޓީނުކޮށް މޮނީޓާކުރުމަށްފަހު އެވެ. މި ބަލިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ތަބާވެ، އެއްބާރުލުން ރައްޔިތުންދެމުންދާތީ މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. މިކަމުން ސަލާމަތްވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށާއި ބަލި ރާއްޖޭގައި ފެތުރޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ މަދުން ރާއްޖޭގައި ބަލި ފެންނަމުންދާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355