twitterviber whatsapp telegramfacebookyoutube instagram
8th September 2024

ލަންކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

ޚަދީޖާ އާދަމް
Mar 21, 2020

ސްރީލަންކާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނާތީ އެގައުމުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން ލަންކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ފާއިތުވި 14 ދުވަހުގެ ތެރޭގައި ލަންކާއަށް ދަތުރުކޮށްފައިވާ ފަރާތްތައް ވެސް ހިމެނެ އެވެ.

އެގައުމަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ. އެގޮތުން އެގައުމުން ތިބި ދިވެހިން ރާއްޖެ އަންނަން ބޭނުން ނަމަ އާދެވޭނެ ކަމަށް އެޑްވައިޒަރީގައި ބުނެފައިވެ އެވެ. އެކަމަކު އެ ފިޔަވަޅާ އެކު ލަންކާ އިން އަންނަ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލަންކާ އިން އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އެ ގައުމަށް އެތެރެވުމަށް އެއްވެސް ބާވަތެއްގެ ވިސާއެއް ދޫނުކުރުން ހިމެނެ އެވެ.

ލަންކާ އިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ އިރު، ވައިގެ މަގުން އެގައުމަށް މީހުން އެތެރެވުން އޮތީ މަނާކޮށްފަ އެވެ. ލަންކާ އިން 73 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފަ އެވެ.

މިހާތަނަށް ކޮވިޑް19 އާ ގުޅިގެން 11 ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އެއީ ޗައިނާ، އިޓަލީ، އިރާން، ސްޕެއިން، ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކާއި ފްރާންސްގެ ދެ ސަރަހައްދަކާއި ޖަރުމަނުގެ ތިން ސަރަހައްދަކާއި އިނގެރޭސިވިލާތް، މެލޭޝިޔާ ބަންގްލަދޭޝް އަދި ލަންކާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355