އެކްސްކާޝަންތަކުގައި އެއްވެސް ތަނަކަށް މީހުން އައުމާއި ދިއުން ވަކި މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި އެވެ.
ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނުމާ އެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން މީގެ ކުރިން 10 ދުވަހަށް އެކްސްކާޝަންތަކުގައި މީހުން އައުމާއި ދިއުން ހުއްޓުވި ނަމަވެސް އެ މުއްދަތު މާދަމާއަށް ހަމަވާތީ ނެރުނު އެންގުމުގައިވަނީ ވަކި ގޮތެއް އަންގަންދެން، ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުން އެކްސްކާޝަންގެ ގޮތުގައި މީހުން އައުމާއި ދިއުން ހުއްޓާލަން އަންގާ ކަމަށެވެ.
ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު ފަތުރުވެރިން ރަށްރަށަށް އެރުވުމާއި ރިސޯޓްތަކަށް ދަތުރު ކުރުން މަނާ ކުރުމުގެ އިތުރުން ސްކޫލްތަކާއި ކޮލެޖްތައް ވަގުތީ ގޮތުން ބަންދު ކުރުމުގެ އިތުރުން މާލޭގައި ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ތިބެގެން ކާބޯތަކެތީގެ ހޯދުން ވެސް ވަނީ މަނާކޮޮށްފަ އެވެ. އަދި ސަރުކާރުގެ އޮފީސްތަށްވެސް މިވަނީ ހަފްތާއަކަށް ބަންދުކޮށްފަ އެވެ.
ވައިރަސް ހުރި 13 މީހަކު ރާއްޖެއިން ފެނިފައިވާއިރު އޭގެ ތެރެއިން ތިިން މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ނަމަވެސް މި ވައިރަހުން ރައްކާތެރި ވުމަށް ސިއްހީ މާހިރުންނާއި ކަމާއިބެހޭ ފަރާތް ތަކުގެ އިރުޝާދަށް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ އެންމެންގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ