ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ޖުމްލަ 5 މީހަކު ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އޭގެތެރޭގައި އަލަށް ރަނގަޅު ވި ދެމީހުން ހިމެނެއެވެ.
އަލަށް ކޮވިޑް-19 އިން ރަނގަޅުވެފައިވާ ދެ މީހުންނަކީ ކޮން ބައެއްކަން މިއަދު ސަރުކާރުން ހާމައެއް ނުކުރެ އެވެ. މީގެކުރިން ކޮވިޑް-19އިން ރަނގަޅުވެފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ޑޮކްޓަރެވެ.
އަލަށް ރަނގަޅުވި ދެ މީހުން ކޮވިޑް-19 އިން ރަނގަޅުވި ކަމަށް ނިންމީ ކޮވިޑް-19 އަށް ޑަބަލް ނެގެޓިވްވުމާ ގުޅިގެންނެވެ. އެމީހުން އެއްކޮށް ދޫކޮށްލާނީ 14 ދުވަހު އިތުރަށް މޮނީޓާކުރުމަށްފަހު އެވެ.
ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ފަސް މީހަކާއި ބަތަލާ ރިސޯޓްގެ ދެ މީހުންނާއި ކުރަމަތި ރިސޯޓްގެ ދެ މީހުންނާއި އައިލެންޑް ސަފާރީގެ ދެ މީހުންނާއި އަނަންތާރާ ދިގު ރިސޯޓްގެ ދެ މީހުންނެވެ.
ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.
ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.