twitterviber whatsapp telegramfacebookyoutube instagram
26th April 2024

މާލޭގެ ދެ ގެއެއް ލޮކްޑައުންކޮށްފި

ޚަދީޖާ އާދަމް
Mar 23, 2020

މާލޭގެ ދެ އިމާރާތެއް ލޮކްޑައުންކޮށް ކޮވިޑް-19އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި ދެ ގެ ލޮކްޑައުންކޮށްފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުން، މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެވެ. ދެ ގޭގައި ވެސް ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު އެބަތިއްބެވެ.

އެމީހުންގެ ޓެސްޓްތައް ހަދަނީ ފެލައިނީއާ ކޮންޓެކްޓްވެ، އަދި އެމީހުންގެ ފަރާތުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ވެސް ފެންނާތީ ކަމަށް ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި އެވެ.

މަބުރޫކު ވިދާޅުވީ ދެ ގެ ވެސް މީހުން ވަނުމާއި ނުކުތުން މަނާކޮށް މޮނީޓާ ކުރަމުންދާނީ އެ ގޭގައި ތިބި މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ކަމަށެވެ. ފެލައިނީ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓްގަ އެވެ. އެ ރިސޯޓްގައި ކޮންޓެކްޓްވި މީހުން ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް ވެސް ދަނީ އަޅަމުންނެވެ.

ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސަކު ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ވެސް ވަނީ އެކަހެރިކޮށްފަ އެވެ. އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355