twitterviber whatsapp telegramfacebookyoutube instagram
26th September 2026

ރިސޯޓްތަކުން 11،000 މުވައްޒަފުން ނޯ ޕޭއަށް ފޮނުވާލައިފި

ޚަދީޖާ އާދަމް
Mar 30, 2020
1

ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓުތައް ބަންދުކުރުމާ އެކު މިހާތަނަށް 11،000 މުވައްޒަފުން ނޯ ޕޭގައި ފޮނުވާލަން ނިންމުމުން ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބައެއް ރިސޯޓްތަކުގެ އަމަލްތައް ހުރީ ގާނޫނާ ހިލާފަށް ކަމަށް، ލޭބަ އޮތޯރިޓީން ވެސް ބުނެފައިވާއިރު އެ އޮތޯރިޓީން ގޮވާލީ މި ދަނޑިވަޅުގައި ވެސް މުވައްޒަފުން ވަކިކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލް ކުރުމަށެވެ.

ޓީމްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިހާތަނަށް 58 އަށް ވުރެ ގިނަ ރިސޯޓުން އެތަންތަނުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި ނޯޕޭއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ބައެއް ރިސޯޓްތަކުން ގެންދަނީ މުވައްޒަފުންނަށް މަޖުބޫރުކުރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންނެވެ. ނޯ ޕޭއަށް ދަނީ ހިތުންރުހުމުން ކަމަށް ބުނެ ސޮއިކުރަން ބައެއް ރިސޯޓްތަކުން ވަނީ މުވައްޒަފުންނަށް ލިއުމެއް ދީފަ އެވެ. އެގޮތަށް ކަންތައް ކުރަން ދެކޮޅުހަދާ ނަމަ ހިތުންރުހުމުން ވަޒީފާއިން ވަކިވަނީ ކަމަށް ބުނެ ސޮއިކުރަން ވެސް އެފަދަ ލިއުންތަކުގައި ވަކި ބައެއް ހާއްސަކޮށްފައިވެ އެވެ.

ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އެހީގެ ޕެކޭޖްގައި، އުސޫލުތަކާ އެއްގޮތަށް މުވައްޒަފުންނާ މެދު އަމަލްކުރާ ވިޔަފާރިތަކަށް އިސްކަންދިނުން ހިމެނޭތީ އެކަން ލޭބަ އޮތޯރިޓީން ރިސޯޓްތަކުގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293