twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދެ ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރުކޮށް ނިންމާލައިފި

ނަބީލާ އިސްމާޢީލް
Mar 30, 2020

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ކުރަންމުންދާ މަސައްކަތުގެ ތެރެއިން އެ ހޮސްޕިޓަލުގެ ދެ ވޯޑެއްގައި ފުރެޝް އެއަރ ސިސްޓަމް (މެޑިކަލް ގުރޭޑް އެއަރ ކޮންޑިޝަން) ހަރުކޮށް ނިންމާލައިފި އެވެ.

ފުރެޝް އެއަރ ސިސްޓަމް ނުވަތަ މެޑިކަލް ގުރޭޑް އެއަރ ކޮންޑިޝަން އަކީ އާދައިގެ އެއަރ ކޮންޑިޝަންތާކައި ތަފާތުކޮށް އެތަނެއްގައި ހުންނަ ވައި ނެރެ ސާފު ވައި ވައްދައި ފިނިކޮށްދޭ ނިޒާމެކެވެ.

މި މަސައްކަތަކީ ގުރީން ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތަށް ޖުމްލަ 1,314,587.13 (އެއް މިލިއަން ތިން ލައްކަ ސާދަ ހާސް ފަސްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތޭރަ ލާރި) ހަރަދުވެފާވެ އެވެ.

ކޮންމެ ދުވަހަކު އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ މި ހޮސްޕިޓަލުގެ ވޯޑުތަކަކީ ހޫނުގަދަ ތަނެކެވެ. އެހެންކަމުން ފުރެޝް އެއަރ ސިސްޓަމް ހަރުކުރެވިފައިވަނީ އީއާރު (އެމަރޖެންސީ ވާރޑް) އަދި ޖެނެރަލް ވާރޑްގައި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ވިދާޅުވި ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އަދި ގައިނީ ވާރޑަކީ ކުރިއަށް އޮތް ތަނުގައި އީ.އާރާއިއެއް ގޮތަށް ތަރައްގީ ކުރަން ނިންމާފައިވާ ދެ ވޯޑްކަމުގައި އެވެ.

މި މަޝްރޫއު ވަރަށްބޮޑަށް ލަސްވެގެން ދިޔަކަން ފާހަގަކުރައްވާ މެނޭޖަރު ވިދާޅުވީ އެހެން އެކަން ދިމާވީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވެގެން ކަމަށެވެ. އަދި ވާރޑްތަކުގައި އެނދު މަދުވުމުގެ ސަބަބުން މަސައްކަތް ކުރިއަށްގެންދިޔަ އިރުވެސް ވާރޑްތަށް ހުސްނުކުރެވޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ގިނަދުވަސްވީ އެއް ހޮސްޕިޓަލެވެ. އެހެންވެ އެތަނުގެ ސީލިންގވެސް ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި މަސައްކަތް ކުރިއަށް ދިޔައިރު ބަލިމީހުންނާއި ތަނުގެ މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށާއި އެކަމަށް ޝުކުރު އަދާކުރާކަމުގައި އަހްމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355