ސިވިލް ސާވިސް މުވައްޒަފުންނަށް ގޭގައި ތިބެގެން އޮފީސް މަސައްކަތްތައް ކުރުމަށް އެ މުވައްޒަފުންނަށް ދިރާގުން ހިލޭ އިންޓަނެޓް އެކްސެސް ދީފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައިވާތީ ސިވިލް ސާވިސް މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތް ކުރުމަށް ލުއި ފަސޭހަކަން ފޯރު ކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޒަރިއްޔާއިން ސަރުކާރުގެ ވިއުގަތަކަށް އެ މުވައްޒަފުން ހިލޭ ވަދެވޭ ގޮތަށް ހަމަޖައްސައިދީފައިވާނެ ކަމަށް ދިރާގުން ބުނެއެވެ.
ސަރުކާރުގެ އެކި ޕޯޓަލްތަކަށް ސިވިލް ސާވިސް މުވައްޒަފުންނަށް ހިލޭ އެކްސެސް ކުރެވޭ ގޮތަށް ދިރާގުން ހަމަޖައްސާފައި ވަނީ ސަރުކާރުގެ ކޮމިއުނޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާ ވެސް ގުޅިގެންނެވެ.
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަކީ މި ދަނޑިވަޅުގައި ދިރާގުން އެންމެ އިސްކަމެއް ދޭ އެ ކަންތައް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމަށް ލުއިތަކެއް ދިނުމުގެ ގޮތުން ދިރާގުން ދަނީ މިދިޔަ މާޗު މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ދެމުންނެވެ.