ކުޅުދުއްފުށީގައި ހިންގަމުން އަންނަ ހިލާލު ޤުރުއާން ކުލާހުގެ އޭޕްރީލްމަހުގެ ފީ ކަނޑާލައި އެކަން ބެލެނިވެރިންނަށް އަންގައިފި އެވެ.
މުޅި ދުނިޔޭގައި ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކާއި ކިޔަވައިދޭން ތަންތަން ބަންދުކޮށް، ރާއްޖެ ވަނީ ލޮކްޑައުން ހާލަތަށް ގެނެސްފަ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، މުޅި އިގްތިސޯދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
މިދަނޑިވަޅުގައި ބައެއް ދިވެހިންގެ ފަރާތުންވެސް އަންނަނީ އާދަޔާ ހިލާފު ރީތި ނަމޫނާތަކެއް ދައްކައި ދީލަތިކަން އިސްކުރަމުންނެވެ. އެގޮތުން ކުޅުދުއްފުށީގައި ހިންގަމުންދާ ޤުރުއާން ކުލާސްތަކުގެ ތެރެއިން "ހިލާލު ޤުރުއާން" ކުލާހުން މިވަނީ މި އޭޕްރީލްމަހުގެ ފީ މާފުކޮށްދީފަ އެވެ.
ދަރިވަރެއްގެ އަތުން މަހަކު 300 ރުފިޔާ ނަގަމުންދާ މި ކުލާހުގެ ވެރިޔާ ޝިޔާމާ އިބުރާހިމް ބުނީ، ފީ ކަނޑާލަން ނިންމީ އެ ދުވަސްތަކަކީ ކިޔަވައި ނުދޭ ދުވަސްތަކަކަށްވެފައި އަދި ގިނަ ބެލެނިވެރިންނަކީ ފަތުރުވެރިކަމުގައި މަސައްކަތްކުރާ މީހުންނަށް ކަމަށްވާތީ އެމީހުންނަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.
"މިކަމާ ހެދި މީހުން އުޅެނީ ވަރަށް ދަތިހާލުގައި، ތިން ކުދިން ކުލާހަށް ލައިގެން އުޅޭ މީހެއް ނަމަ 900 ރުފިޔާ ދައްކަން އެބަޖެހޭ. އެފަދަ މީހުންނަށް ލުޔެއް ދެވޭތޯ މި ބެލީ." ޝިޔާމަ ބުންޏެވެ.
އާންމުގޮތެއްގައި ޑިސެމްބަރުމަހަކީވެސް ކިޔަވައިނުދޭ މަހަކަށްވާއިރު އެމަހުގެ ފީ ވެސް މި ކުލާހުންނެއް ނުނަގަ އެވެ. ޝިޔާމަ ބުނީ، ކޮވިޑް-19 ގެ ހާލަތަށް ބަލައި މެއި މަހުގެ ފީ އަށްވެސް ބަދަލުގެންނާނެ ކަމަށެވެ.
ފަތުރުވެރިކަމުން ނަފާ ހޯދަމުންދާ ގިނަ ބަޔަކު އުޅޭއިރު ރިސޯޓްތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންގެ މުސާރަ ވަނީ ވަރަށް ބޮޑުތަނުން ކުޑަކޮށް، ބައެއް ރިސޯޓްތަކުން މުސާރަ ނުލިބޭގޮތަށްވެސް މުވައްޒަފުން ދަނީ ފޮނުވާލަމުންނެވެ.
ކުޅުދުއްފުށީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޤުރުއާން ކުލާސްތަކާއި ޓިއުޝަން ކުލާސްތަކަށް ބަލާއިރު ގިނަ ކުލާސްތަކުން އަންނަނީ ކިޔަވައި ނުދޭ ދުވަސްތަކަށްވެސް ބެލެނިވެރިން އަތުން ބޮޑުއަގުގައި ފީ ނަގަމުންނެވެ. އެކަމަކު ބައެއް ކުލާސްތަކުން 100-50 ރުފިޔާ ދެމެދުގެ އަދަދެއް ފީ އިން އުނިކުރާކަންވެސް ފާހަގަކުރެވެ އެވެ.