މެލޭޝިއާގައި ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުތައް ބުނާގޮތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 416 މީހުންނަކީ މެލޭޝިއާގައި ތިބި އެހެން ގައުމުތަކުގެ މީހުންނެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް މެލޭޝިއާ އިން 4،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް އެ ގައުމުން 65 މީހަކު ވަނީ މަރުވެފަ އެވެ. އެ ގައުމުގައި މިހާރު އޮތީ 22 ދުވަހުގެ މޫވްމަންޓް ކޮންޓްރޯލް އޯޑަރުގެ ދަށުން ކާފިއުއެއް އިއުލާން ކޮށްފަ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ތިބި ދިވެހިން ގެނައުމާއި އާއިލާތަކުން އެހީ ފޮނުވުމުގެ އިންތިޒާމް ދިވެހި ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން 13 މީހަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.