ކޮވިޑް-19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު އިތުރުކުރުމާމެދު ނުވަތަ ކުއްލި ނުރައްކާ އުވާލުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.
އެގޮތުން އެ މުއްދަތު ހަމަވުމަށް ދެ ދުވަހަށް ވެފައިވާއިރު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާމެދު ގޮތް ނިންމުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އަމީން ވިދާޅުވީ ސަރުކާރު ބަންދުކޮށް ސުކޫލްތަކުގެ ކިޔެވުން މެދުކަނޑާލާ، ކެފޭތައް ބަންދުކޮށްފައިވާއިރު އެ ފިޔަވަޅުތައް އުވާލުމާމެދުވެސް މަޝްވަރާ ކުރަމުންދާ ކަމަށާ ނަމަވެސް އެ ފިޔަވަޅުތައް ދޫކޮށްލެވޭނީ ވަކި ތަރުތީބެއްގެ ދަށުން ކަމަށެވެ.
އަދި ކޮންމެ ފިޔަވަޅަކީވެސް ބަލަންޖެހޭ ވަރަށް ގިނަ ބެލުންތަކަށްފަހު އަޅާ ފިޔަވަޅެއް ކަމަށާއި ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުވާލިތާ 14 ދުވަސްވާން ކައިރިވެފައިވާއިރު އެކަމުން ނިކުތް ނަތީޖާއާ އަދި މިހާރު މުޖްތަމައުގައި ކޮވިޑްގެ ނުރައްކަލެއް އޮތްތޯ ބެލުމަށް އިއްޔެ ފަށާފައިވާ ދިރާސާގެ ނަތީޖާތަކަށް ބެލުމަށްފަހު ނޫނީ އެއްވެސް ކަމެއް ނުނިންމާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.