ކޮވިޑް-19 އާ ގުޅިގެން ބެލެނިވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން ކުޅުދުއްފުށީގެ ޤުރުއާން ކުލާސްތަކުން ފީ ނެގުން ހުއްޓާލައިފި އެވެ.
އެގޮތުން ރަޖިސްޓްރީކޮށްގެން ކުޅުދުއްފުށީގައި ހިންގައި ޤުރުއާން ކުލާސްތަކަށް ބަލާއިރު އެއް ކުލާސް ފިޔަވާ ހުރިހާ ކުލާހަކުން ވަނީ އޭޕްރީލްމަހުގެ ފީ މާފުކޮށްދީފަ އެވެ.
ރަޖިސްޓްރީކޮށްގެން ހިންގާ 13 ކުލާސްގެ ތެރެއިން ނުޖޫމުލް ކުލާހުގެ ވެރިން ރާއްޖޭގައި ނެތުމުން އެ ކުލާހުން މިކަމާ ގުޅިގެން ނިންމާފައިވާ ގޮތެއް ސާފު ނުވިނަމަވެސް އެ ކުލާހުންވެސް ބެލެނިވެރިންނަށް ލުއިގޮތެއް ހޯދައިދޭނެކަމަށް ބެލެވެ އެވެ.
އިޙްލާސް ޤުރުއާން ކުލާހުން ނިންމާފައިވަނީ ކުރިއަށް އޮތް 6 މަހުގެ ތެރެއިން ކޮންމެ މަހަކު ސަތޭކަ ރުފިޔާ ފީ އުނިކޮށްދިނުމަށެވެ. ދަރިވަރެއްގެ އަތުން 300ރ ނަގައި އެކުލާހުގެ މި ނިންމުމުގެ ސަބަބުން ދެ މަހުގެ ފީ މާފުވެގެންދާނެ އެވެ.
މި ދެ ކުލާސް ފިޔަވައި ދެން އެހެން ކުލާސްތަކުގެ ވެރިން ވަނީ އެޕްރީލްމަހުގެ ފީ ކަނޑާލާފަ އެވެ. ކުލާސްތަކުގެ ވެރިންނާ ވާހަކަދައްކާލުމުން އެންގިގެންދިޔައީ ކިޔަވައިނުދޭ ދުވަސްތަކަށް ކުރިއަށް އޮތްތަނުގައިވެސް ފީ ނުނަގާނެ ކަމެވެ.
"އަޅުގަނޑުމެން މީގެން ކުރިންވެސް ކިޔަވައިނުދޭ ދުވަސްތަކުގައި ފީ އެއް ނުނަގަން. އެހެންވީމާ އެޕްރީލްމަސް ނޫނަސް ކުރިއަށް އޮތަނުގައިވެސް ކިޔަވައިނުދެވޭ ދުވަސްތަކުގައި ފީ އެއް ނުނަގާނެ." ޤުރުއާން ކުލާހުގެ ވެރިޔަކު ވިދާޅުވި އެވެ.
ބައެއް ކުލާސްތަކުގެ ވެރިންނާ ވާހަކަދައްކާލުމުން ސާފުވެގެންދިޔައީ ކިޔަވާ ނުދޭ ދުވަސްތަކުގައި ފީ ނުނަގައި ކަމެވެ. އަދި ފީ އަބަދުވެސް ނަގަމުންދިޔައީ ކިޔަވައިދޭ ދުވަސްތަކުގައި ކަމެވެ. ޤުރުއާން ކުލާސްތަކުން މި ނިންމެވުމުގެ ސަބަބުން ގިނަ ބެލެނިވެރިން ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ.
ބައެއް ބެލެނިވެރިން އެޕްރީލްމަހުގެ ފީ ދެއްކުމަށް ކުލާސްތަކަށް ދިޔުމުންވެސް ކުލާސްތަކުން ފީ ބަލައިނުގަތް ކަމަށް ބެލެނިވެރިންވެސް ވަނީ މައުލޫމާތުދީފަ އެވެ.
ރަޖިސްޓްރީނުކޮށް ހިންގާ ޤުރުއާން ކުލާސްތަކުންވެސް އޭޕްރީލްމަހުގެ ފީ މާފުކޮށްދީފައިވާކަން ފާހަގަކުރެވެ އެވެ. ކުޅުދުއްފުށީގައި އާންމުކޮށް ޤުރުއާން ކުލާސްތަކުން ނަގަމުންދިޔައީ 100-350 ރުފިޔާ ދެމެދުގެ ފީ ތަކެކެވެ.