އުތުރުގެ ސަރަހައްދީ އެންމެ ބޮޑު މާރުކޭޓް، ހޮނިހިރު ބާޒާރު ބަންދުކުރުމުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެން ފަށައިފި އެވެ. ހޮނިހިރު ބާޒާރަކީ އުތުރުގެ ދަނޑުވެރިން އެމީހުންގެ ދަނޑުތަކުގައި އުފައްދާ ތަކެތި ވިއްކުމަށް ހުޅުވިފައިވާ އެންމެ ބޮޑު ސަރަހައްދީ މާރުކޭޓެވެ.
އެކަމަކު ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކް ފޯސްއިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން އެއްވެ އުޅުން މަދުކުރުމަށް ސިއްހީ ދާއިރާއިން ނެރެފައިވާ ލަފާގެ މަތިން ވަކި މުއްދަތެއް ނެތް ގޮތަށް ހޮނިހިރު ބާޒާރު ކުރިއަށް ނުގެންދިއުމަށް ނިންމާ ބަންދުކޮށްފަ އެވެ. މިއީ ރައްކާތެރިކަމުގެ ގޮތުން އެވަގުތަށް އެޅި އެންމެ ރަގަޅު ފިޔަވަޅެއްކަމަށް ބެލެވެ އެވެ.
މާރުކޭޓް ބަންދުކުރުމުގެ ސަބަބުން އުތުރުގެ ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު ގޭގައި ތިބެގެން ތަފާތު އެކި ކާބޯތަކެއްޗާއި އެހެނިހެން ތަކެތި އުފައްދައިގެން ހޮނިހިރު ބާޒާރު މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށްވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. ކޭއޯއާ ވާހަކަ ދެއްކި ދަނޑުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަށްވީ ހޮނިހިރު ބާޒާރު ބަންދުކުރިއިރު ވައިރަސް ފެތުރިދާނެކަމުގެ ރިސްކް އެންމެ ބޮޑު ވެރިރަށް މާލޭގެ ލޯކަލް މާރުކޭޓް ހުޅުވާފައި ހުރުމުންނެވެ. އެހެން އެކަން އޮތްއިރު ހޮނިހިރު ބާޒާރު ބަންދުކުރުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް އުތުރުގެ ދަނޑުވެރިން ބުނެ އެވެ.
ހޮނިހިރު ބާޒާރުގެ ބަންދުކުރުމުގެ ސަބަބުން ކުޅުދުއްފުށީގެ ބާޒާރުގައިވަނީ ދިވެހި އުފެއްދުންތަކުގެ އަގު ބޮޑުވެ ލިބުން ދަތިވެފަ އެވެ. މިފަދަ ކަންތައްތަކާ ހެދި ޓާސްކް ފޯސްގެ ވިސްނުން ބަދަލުކޮށް މާރުކޭޓް އަލުން ހުޅުވުމަށް ދަނީ މަޝްވަރާކުރެވެމުންނެވެ.
ޓާސްކް ފޯސް އިން އިއްޔެ ހާމަކުރިގޮތުގައި ހޮނިހިރު ބާޒާރު އަލުން ބޭއްވުމަށް މަޝްވަރާ ކުރެވުނީ ދުނިޔެއަށް މިހާރު ސިއްހީ ގޮތުންނާއި، އިޤްތިސާދީ ގޮތުން ދިމާވެފައިވާ ދަތިކަމުގެ ސަބަބުން ހޮނިހިރު ބާޒާރުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ލިބިގެންދާ މާލީ ގެއްލުންތަކުން ސަލާމަތް ކޮށްދިނުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ކާބޯތަކެތި ލިބުމުގައިވެސް ދަތިކަން ދިމާވެދާނެ ކަމުގެ ބިރުވެރިކަން ހުރުމާއެކު އެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެންމެ ބޮޑަށް ބަރޯސާ ވެވިގެންދާނެ އެއްބަޔަކީ ދަނޑުވެރިން ކަމުގައި ވާތީ އެފަދަ ފަރާތްތަކުގެ ވިޔަފާރިތައް ސަލާމަތް ކުރުމަކީ މި ދަނޑިވަޅަށް މުހިއްމު ކަމެއްގެ ގޮތުގައި ފެންނާތީ އެވެ.
އެކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރުގެ މެނޭޖަރު އަރީޝާ މުސާ ކޭއޯއަށް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތައް ދެނެގަތުމަށް މިހާރު ކުރިއަށްގެންދާ ސާރވޭގެ ތެރެއިން އުތުރުގެ ދަނޑުވެރިންގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
ރަސްމީ ސިފައެއްގައި ޝަކުވާއެއް ހުށަހެޅިފައިނުވިނަމަވެސް މިހާރު ކުރިއަށްގެންދާ ސާރވޭގެ ތެރެއިން ވަރަށް ގިނަ ދަނޑުވެރިންގެ ހާލަތު ދެނެގަނަމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ދަނޑުތަކުގައި ހައްދާ ތަކެތި މާކެޓްކުރެވޭނެ ގޮތެއް މިހާރު ނެތުން ކަމަށެވެ.
"ސާރވޭގެ ތެރޭގައި ހަމަ ވަރަށް ގިނަ ދަނޑުވެރިންނާއި ގެތަކުގައި އެއްޗިހި ހަދައިގެން ވިޔަފާރިކުރާ މީހުން ޝަކުވާކުރޭ މިހާރު މާކެޓެއް ނެތީމަ. ހޮނިހިރު ބާޒާރަކީ ސަރަހައްދުގައި އެންމެ ބޮޑު މާރުކޭޓަށް ވެފައި އެބޭފުޅުން (ދަނޑުވެރިން) ހައްދާ ތަކެތި ނުވިކި ހުންނަ ވީމަ ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ. ދަނޑުވެރިކަމުގައި ހައްދާ ގިނަ ބާވަތްތަކަކީ ވަރަށް ކުރު މުއްދަތުގައި ހަލާކުވާ ތަކެތި ކަމަށްވާތީ." އަރީޝާ ވިދާޅުވި އެވެ.
ދަނޑުވެރިން ތަކެތި އުފައްދަނީ ވަރަށް ގިނަ ވަގުތާއި ބޮޑެތި ހަރަދުތަކެއްކޮށްގެންކަން ފާހަގަކުރައްވަމުން އަރީޝާ ވިދާޅުވީ ނުވިކި ހުންނަ ޖެހިއްޖެނަމަ ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމަށެވެ. ސާރވޭ ކުރިއަށްދާތީ ދަނޑުވެރިންނަށް ސީދާ ގެއްލުވި އަދަދު ހާމަކުރަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނޑުވެރިންގެ އިތުރު ގޭގައި ރިހާކުރު، އަދި ރޯނުވެށުން ފަދަ މަސައްކަތްކުރާ މީހުންނަށްވެސް ހޮނިހިރު ބާޒާރު ނެތުމުން ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ. ހޮނިހިރު ބާޒާރު އަލުން ބޭއްވުމަށް މަޝްވަރާކުރެވެމުންދާއިރު ބާޒާރު ކުރިއަށް ގެންދާނެ ގޮތުގެ ޕްރޮޕޯޝަލެއް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނައަށް ހުށަހަޅަފައިވާނެކަމަށްވެސް އަރީޝާ ވިދާޅުވި އެވެ.
ޓާސްކް ފޯސްއިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި ހޮނިހިރު ބާޒާރު އަލުން ފެށިގެން ދާއިރު އިޖުތިމާއީ ގައި ދުރުކަން ވިޔަފާރިވެރިންނާއި ހޮނިހިރު ބާޒާރު ބޭނުން ކުރާ ފަރާތްތަކަށް ހުންނާނެ ފަދަ ގޮތަކަށް އިންތިޒާމްތައް ރޭވުމަށް މަސައްކަތް ކުރާނެ ކަމަށާ އަދި ސިއްހީ ގޮތުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމުގެ ގޮތުން އަތް ދޮވެވޭނެ އިންތިޒާމްއާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މަސައްކަތް ކުރާނެކަން ހާމަކޮށްފައިވެ އެވެ.