twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކޮންމެހެން ރާއްޖެ އެނބުރި އަންނަން ޖެހޭ މީހުން ނޫނީ ތިބި ގައުމެއްގައި މަޑުކޮށްދެއްވާ: މަބުރޫކް

ނަބީލާ އިސްމާޢީލް
Apr 14, 2020

ރާއްޖެއިން ބޭރުގައި ތިބި މީހުންގެ ތެރެއިން މިވަގުތު ކޮންމެެހެން އަންނަން ނުޖެހޭ ފަރާތަތައް އެ ގައުމެއްގައި މަޑުކޮށް ހާލުގައި ތިބި ފަރާތްތަަކަށް ފުރުސަތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު އެދިވަޑައިގެންފި އެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އެކި ގައުމުތަކުގައި އަޅަމުން ގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭން ބޭރުގައި ތިބި ބައެއް ދިވެހިން ވަނީ ރާއްޖެއަށް އެނބުރި ނާދެވި އެގައުމުތަކުގައި ތާށިވެފަ އެވެ.

ލޮކްޑައުންގައި އޮތް ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ތިން ގައުމަކުން ގިނަ އަދަދެއްގެ ދިވެހިން ވަނީ ގެނެސްފަ އެވެ. އަދިވެސް ސަރުކާރުން ދަނީ އިތުރު ފްލައިޓުތައް ބާއްވާ ދިވެހިން ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ ރާއްޖޭން ބޭރުގައި ތިބި ދިވެހިން އެއްފަހަރާ ސަރުކާރަށް ނުގެނެވޭނެ ކަމަށާއި އެ މީހުން ރާއްޖެ ގެންނަނީ ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ހުރި މިންވަރަކުން ކަމަށެވެ.

އެހެންކަމުން އަމިއްލައަށް އެގައުމެއްގައި ހުރެވޭ މީހުން އަދި މިވަގުތު ކޮންމެހެން ރާއްޖެ އަންނަން ނުޖެހޭ މީހުން ހާލުގައި ތިބި މީހުންނަށް އެފުރުސަތު ދުކޮށްލަން ޖެހޭ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި މި ވަގުތު އެންމެ މުހިންމީ އެ ބަޔަކު އެ ތިބި ތަނެއްގައި ތިބުމެވެ. އެ މީހުންނަށް ސަރުކާރުން ދެވޭނެ މިންވަރަަކަށް އެހީވެދޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ގައުމުން ބޭރުގައި ތިބި މީހުން ގެނައުމަށް ރާއްޖެ އިން މި ކުރާ ވަރަށް މި ސަރަހައްދުގައި ވެސް ކުރާ ގައުމުތަކަށް މަދު ކަމަށެވެ. އަދި ސަރުކާރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ނިންމުމަކީ ބޭރުގައި ތިބި ވީހާ ވެސް ގިނަ ދިވެހިން ވީ އެންމެ އަވަހަކަށް ގެނައުމެވެ.

މި ވައިރަހުން ރައްކާތެރިވުމަށް އެޅި ފިއަވަޅުތަކުގެ ތެރޭގައި ބޭރުން އަންނަ ދިވެހިން ކަރަންޓީން ފެސިލިޓީސްތަކުގައި 14 ދުވަހު މަޑުކުރުން ޖެހެއެވެ. މަބްރޫކު ވިދާޅުވީ، މިވަގުތު ރާއްޖޭގައި ހުރީ 12 ފެސިލިޓީގައި 1،140 ކޮޓަރި ކަމަށާއި މިވަގުތު އެއަށްވުރެ އިތުރަކަށް ޖާގަ ބޮޑުކުރެވެންވެސް ނެތް ކަމަށެވެ. ރިސޯޓުތައް ކަރަންޓީން ފެސިލިޓީސްތަކަށް ހެދުމުގައި ގޮންޖެހުމެއް ނެތް ކަމަށާއި ނަމަވެސް އެ ފެސިލިޓީތަކަށް ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ވަރަށް ނެތް ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިހާރު ސަރުކާރުން ނިންމާފައިވަނީ އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް އެތަންތާގައި ތިބުމުގައި އެހީތެރުވުމަށް ފައިސާ ހޭދަކުރުމަށެވެ. އެގޮތުން މިހާތަނަށް އައިރު ބޭރުގައި ތިބި ދިވެހިންނަށް އެހީވުމުގައި 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ސަރުކާރުން ވައިރަހާ ގުޅިގެން އެޅި އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުން އަންނަ ދިވެހިން 14 ދުވަހު ކަރަންޓިން ފެސިލިޓީސްތަކުގައި ބޭތިއްބުމާއި އެ މީހުން ޓެސްޓު ކުރުންކަމަށެވެ. އެގޮތުން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި ފަސް ދިވެހިންނަކީވެސް ކަރަންޓީން ކުރި ފަސް ދިވެހިންކަން ފާހަގަ ކުރައްވާ މަބްރޫކު ވިދާޅުވީ، އެ ފިޔަވަޅުގެ މުހިންމުކަން އެނގިގެންދާ ކަމަށެވެ.

14 ދުވަހު ކަރަންޓީން ކުރަން ނިންމި ނިންމުމަކީ މުހިންމު ނިންމުމެއްކަން އެނގިގެންދާ ކަމަށާއި އެހެން ކަމުން އެ ނިންމުމަށް ބަދަލު ގެނޭވޭކަށް ނެތް ކަމަށް މަބުރޫކް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާވަރިހަށް ޕޮޒިޓިވްވި ފަސް ދިވެހިންނަަކީ، އިނގިރޭސީވިލާތުން އައި ހަތަރު ދިވެހިންނާއި ފިލިޕިންސް އިން އައި ދިވެއްސެކެވެ. އެ ފަސް މީހުން ވެސް ޕޮޒިޓިވްވެފައި ވަނީ ކަރަންޓިން ފެސިލިޓީސްތަކުގައި ތިއްބަަ އެވެ. އޭގެ ތެރިން އިނގިރޭސީވިލާތުން އައި އެއް ދިއްވެއްސަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެެވެ. މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް 20 މީހަކަށް ޕޮޒިޓިވްވެފައިވާއިރު، ފަރުވާދެމުން ދަނީ ހަތަރު ދިވެހިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355