- ތަފާތުއެކި ބޭނުންތަކަށް ކޮންމެ ދުވަހަކު ގިނަ ބަޔަކު އަންނަ ރަށެއް
- މާލެއަށް ދަތުރުކުރުމާއި އައުމަށް އުތުރުގައި ބޭނުންކުރާ މައި ރަށް
- ލޮކްޑައުންކޮށްގެންވެސް ރަށް ސަލާމަތްކުރަން ޖެހޭ، ނުރައްކާ ވަރަށް ބޮޑު
- ސަރުކާރުގެ އެހީއަށް ކައުންސިލްގެ ރައީސް އެދިވަޑައިގެންނެވި
ރާއްޖޭގެ ދަތުރުފަތުރު އޮތް ގޮތުން ކުޅުދުއްފުއްޓަކީ ވައިރަސް ފެތުރުމުގެ ނުރައްކާ ބޮޑު ރަށެއްކަމަށާ އެހެންވުމުން ސަރުކާރުން ހާއްސަ ސަމާލުކަމެއް ކުޅުދުއްފުއްޓަށް ދިނުމަށް ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ގޮވާލައްވައިފި އެވެ.
ކައުންސިލްގެ ރައީސް ލަތީފް މިހެން ގޮވާލައްވާފައިމިވަނީ މާލެ ތެރެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޔަގީންކޮށްދީވަނިކޮށްނެވެ.
ކޭއޯއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ލަތީފް ވިދާޅުވީ މާލޭގައި ފެތުރޭ އެއްޗެއް ނުވަތަ މާލޭގައި އޮތް އެއްޗެއްގެ އެންމެ އަވަހަށް އަންނާނެ ރަށަކީ ކުޅުދުއްފުށީ ކަމަށެވެ. އެއީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ކަނޑުބޯޓް ފަހަރުތަކުން އެތަކެއް ބަޔަކު ކޮންމެ ދުވަހަކު ދަތުރުކުރާއިރު ވައިރަސް ފެތުރުމުގެ ނުރައްކާ އެންމެ ބޮޑު ރަށަކީ ކުޅުދުއްފުށި ކަމަށް ލަތީފް ފާހަގަކުރި އެވެ.
ކުޅުދުއްފުށި މެދުވެރިކޮށް މާލެ ދިޔުމަށާއި މާލެއިން ރަށަށް އައުމަށް އުތުރުގެ ރައްޔިތުން ބޭނުންކުރާ މައި ރަށަކީ ކުޅުދުއްފުއްޓެވެ. ހަތަރު ކަނޑުބޯޓާއި މާލެ ދަތުރުކުރާ ލޯންޗުތަކުގައި ގިނަ ބަޔަކު ކުޅުދުއްފުއްޓަށް ގޮސް، އާދެ އެވެ. ލަތީފް ވިދާޅުވީ، އޭގެ އިތުރުން އުތުރުގެ މައި ރަށަކީ ކުޅުދުއްފުށީ ކަމުން ކޮންމެ ދުވަހަކު އެތަކެއް ހިދުމަތްތަކެއް ހޯދުމަށް ކޮންމެ ދުވަހަކު ރަށަށް ގިނަ ބަޔަކު އަންނައިރު ބަލި ފެތުރިދާނެކަމުގެ ނުރައްކާ ބޮޑު ރަށެއްކަމަށެވެ.
""ކުޅުދުއްފުއްޓަކީ ލަފާ ފުރުމުގައި ވަރަށް ބޮޑަށް މީހުން ބޭނުންކުރަމުންދާ ރަށެއް. އެހެން ސަރަހައްދުތަކަށްވުރެ ނުރައްކާ ބޮޑު މިތަން. ލޮކްޑައުންކޮށްގެންވެސް ރަށް ޖެހޭ ސަލާމަތްކުރަން. ވަރަށް ނުރައްކާ ބޮޑު."ކައުންސިލް ރައީސް ވިދާޅުވި އެވެ.
"އެތަކެއް ބަޔަކު ކުޅުދުއްފުއްޓަށް ބޯޓް ފަހަރުގައި ދަތުރުކުރޭ. ރާއްޖޭގެ ހުރި އެހެން ސިޓތަކާ ބަލާއިރު ކުޅުދުއްފުށީ އެބަ ބޭނުންކުރޭ މިސަރަހައްދުގެ ހުރިހާ ރަށެއްގެ މީހުން ރަށަށް ދިޔުމަށް. މާލޭގައި ފެތުރޭ އެއްޗެއް އެންމެ އަވަހަށް އެހެން ރަށަށްކަން ދަންޏާ އެ އެއްޗެއް ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ކުޅުދުއްފުށީގައި، ނުރައްކާ އެންމެ ބޮޑު ރަށަކީ މިރަށް." ލަތީފް ވިދާޅުވި އެވެ.
މިސަބަބުތަކަށް ބަލާއިރު ކުޅުދުއްފުއްޓަށް ސަރުކާރުން އެބަޖެހޭ ހާއްސަ ސަމާލުކަމެއް ދިނުމަށް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއް މިރަށަށްދޭ ޖެހޭ ކަމަށެވެ.
ލަތީފް ވިދާޅުވީ މާލޭތެރޭގައި ގިނަވެގެންދާ ބިދޭސީންވެސް އެއްވެސް ހައްދެއް ނެތްވަރަށް ކުޅުދުއްފުއްޓަށް އަންނަމުންދާ ކަމަށާ ބިދޭސީން ރަށްރަށަށް ދަތުރުކުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ގޮތްތަކެއް ހަދައިދޭން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ހަމައެކަނި އަންނަ ބިދޭސީން ނަންނޯޓްކޮށްގެން ނުވާނެ ކަމަށާއި ކައުންސިލަށް މިކަންތައްތަކުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ލަތީފް ވަނީ އެދިވަޑައިގަންނަވާފަ އެވެ.