މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ ވަގުތުތަކުގައި އެންގުންތަކާ ހިލާފަށް މަގުމައްޗަށް ނުކުންނަ މީހުންނާ މެދު ހަރުކަށިކޮށް އަމަލުކުރާނެ ކަމަށާއި އެ ފަދަ މީހުން ކަރަންޓީނުކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ލޮކްޑައުންގެ ހާލަތުގައި އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ފުލުހުން ބޭއްވި ޕްރެސް ބްރީފިންގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މި މަހު ކުރީ ކޮޅު ހިންގި ކާފިއުއާ ހިލާފަށް އަމަލުކުރި މީހުންނާ މެދު އެޅި ވަރަށް ވުރެ ހަރުކަށި ފިޔަވަޅު މިފަހަރު އަޅާނެ ކަމަށެވެ.
މާލެ ލޮކްޑައުން ކޮށްފައި މިވަނީ ކޮވިޑް-19 ޖެހިފައިވާ މީހަކާ އެއްވެސް ގޮތަކަށް ކޮންޓެކްޓްވެފައި ނުވާ ކަމަށް ބެލެވޭ މީހަކު މާލެއިން ޕޮޒިޓިވް ވުމުންނެވެ.
މި ބައްޔަށް މިއަދު ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 54 މީހަކު މިހާތަނަށް އައިސޮލޭޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި އެއަށް ވުރެ ގިނަ މީހުން އައިސޮލޭޓް ކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ މާލެ ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.
އެޗްޕީއޭގެ އެންގުމުގައިވާ ގޮތުން ލޮކްޑައުންގެ ހާލަތުގައި އިސްތިނާވަނީ، ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އުޅަނދާއި އެމްބިއުލެންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި އެ ފާސްދޫކޮށްފައިވާ މީޑިއާތަކުގެ މީހުން އެކަންޏެވެ.