މާލެ، 24 ގަޑިއިރަށް ލޮކްޑައުން ކުރުމަށް ނިންމާފައިވާ ނިންމުމާމެދު އިތުރު ގޮތްތަކެއް މާދަމާ ނިންމާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.
މާލެ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައިމިވަނީ މިއަދު މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެކަމާ ގުޅިގެންނެވެ.
އެންއައިއޯސީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަޅަމުންދާ ކަމަށެވެ.
އެގޮތުން މާލެ، 24 ގަޑިއިރަށް ލޮކްޑައުން ކުރުމަށް ނިންމި ނިންމުމަކީ ކޮންޓެކްޓްރޭސިންއަށް ވަގުތު ހޯދުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އަދި މިހާތަނަށް ފާހަގަކުރެވުނު މީހުންގެ ސާމްޕަލްނަގާ ޓެސްޓް ކުރަމުންދާއިރު، ކާފިއު ނުވަތަ ލޮކްޑައުން ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ ނިންމާނީ މާދަމާ ކަމަށެވެ.
މިފަހަރު މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ބަލި ޖެހުމުގެ ފުރުސަތު އޮވެދާނެ ކަމަށާ އެހެން ކަމުން ޒަރޫރީ ބޭނުމެއްގައި ނޫނީ މި ދުވަސްވަރު މަގުމައްޗަށް ނުނިކުތުމަށް ޑރ ލަތީފް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މާލެއިން މީހަކު ޕޮޒިޓިވްވުމަކީ މުޅި މާލެ 14 ދުވަހަށް ކަރަންޓީން ކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި ނަމަވެސް ބަލި ފެތުރެން ފަށައިފިނަމަ މާލެ ލޮކްޑައުން ކުރަންޖެހޭނީ 14 ދުވަހަކަށް ނޫން ކަމަށާ އެއަށްވުރެ ދިގު މުއްދަތަކަށްވެސް ލޮކް ޑައުން ކުރަންޖެހިދާނެ ކަމަށްވެސް ޑރ ލަތީފް ވިދާޅުވި އެވެ.