އެރަށެއްގެ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ކައުންސިލްތަކަށް ދިނުމަށް ހދ ކުރިނބީ ކައުންސިލްގެ ރައީސް ގޮވާލައްވައިފި އެވެ.
ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް މިހެން ގޮވާލައްވާފައިމިވަނީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެންނެވެ. މިފާއިތުވި 24 ގަޑިއިރުތެރޭގައި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލުތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ޔަގީންކޮށްދީފަ އެވެ.
އަފްރާހް ވިދާޅުވީ، މިވަގުތު ރަށްރަށުގެ ކައުންސިލްތަކަށް އެރަށެއްގެ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ދޭން ޖެހޭ ކަމަށެވެ. އަދި އަޅާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ސަލާމަތީ ބާރުތަކުގެ އެހީތެރިކަންވެސް ކައުންސިލްތަކަށް ލިބެން ޖެހޭކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އަމަލުކުރާނެ ގޮތް ނިންމަނީ އެރަށެއްގައި އުފައްދާފައި އޮންނަ ޓާސްކް ފޯސްއަކުންނެވެ. ކައުންސިލާއި ސިއްހީ މަރުކަޒުތަކާއި ކަމާ ގުޅުން ހުރި މުވައްސަސާތަކުންވެރިން މި ޓާސްކް ފޯސްގައި ތިބެ އެވެ. ޓާސްކް ފޯސްގެ މަޝްވަރާ ނެތި ކޮވިޑް-19 އާ ގުޅުން ހުރި އެއްވެސް ކަމެއް ކައުންސިލްތަކުން އަމިއްލައަށް ކުރުން އޮތީ މަނާކޮށްފަ އެވެ.
އަފްރާހް އިތުރަށް ވިދާޅުވެފައިވަނީ އެހެން ނޫންނަމަ އަތޮޅުތަކުގެ ވަކިވަކި ރަށްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ފެތި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ.
މިދިޔަ ފާއިތުވި ހަތަރުވަރަކަށް ދުވަސްތެރޭގައި ރިސޯޓްތަކާއި މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ އަތޮޅުތަކަށް އައިސްފައި އެވެ. އެހެންވުމުގެ ސަބަބުން ރަށްތަކުގައި ބަލި ފެތުރިދާނެކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.