ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލި ފެތުރެން ފަށައިފިނަމަ ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ އަދި ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ ފަރުވާދެވޭނެ ގޮތެއް ނެތް ކަމަށާ ބަލި ހާލު ބޮޑުވާ މީހުންގެ އަދަދު ގިނަ ވެއްޖެނަމަ ވެންޓިލޭޓަރުގައިވެސް ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށެވެ.
އަދި އެންމެ ގޯސް ހާލަތަށް ދިއުމުން ފަރުވާދޭން ކިތަންމެ ބޭނުންވިޔަސް އެކަން ނުކުރެވޭނެ ކަމަށާއި އެޑްމިޓްކޮށް ފަރުވާ ނުދީ ދޫކޮށްލާ މީހަކީ ތިމާ ކަމުގައި ވެދާނެ ކަމަށް ދެކި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ނަސޭހަތްތެރިވިއެވެ.
ޑރ. ޝީނާ ވަނީ ރާއްޖޭގައި ބަލި ބޮޑަށް ފެތުރިއްޖެނަމަ މުޖްތަމައުގެ ހާލަތު އޮންނާނެ ގޮތާމެދު ކޮށްފައިވާ ދިރާސާއާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ހިއްސާކޮށްފައެވެ.
އެ ޕްރެޒެންޓޭޝަން ހުށައަޅުއްވަމުން ޑރ. ޝީނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް ނާޅައިފިނަމަ ނުވަތަ އެކަށީގެންވާ މަސައްކަތް ތަކެއްކޮށް އާންމު ރައްޔިތުން ކިޔަމަންތެރިކަން ނުދައްކައިފިނަމަ ބަލި ފެތުރި އެތައް ބަޔަކު މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެ ހާލަތަށް ދިޔަނުދިނުމަށް ސިއްހީ މާހިރުން ދެއްވާ އިރުޝާދަށް ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމަށެވެ. އެ ހާލަތަށް ދާން ދޫކޮށްލައިފިނަމަ ލައްކައަކަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.