ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ހދ. ނެއްލައިދޫގައި ޒަރޫރީ ބޭނުމެއްނެތި ބޭރަށް ނިކުމެ އުޅުން ނެއްލައިދޫ ކައުންސިލުން މަނާކޮށްފި އެވެ.
އެ ކައުންސިލުން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަޅުއްވާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ގޮތުންނާއި އެ ގާނޫނުގެ 41 ވަނަ މާއްދާގެ ހ، ށ، އަދި ނ ގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ފިޔަވަޅުތަކެއް އެޅުމަށް އެ ކައުންސިލުން ނިންމާ ކަމަށެވެ.
އެގޮތުން ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނިކުމެވޭނީ ކައުންސިލުން ހުއްދަދީފައިވާ، ކޮންމެ ގެއަކުން އެންމެ މީހެކެވެ. އެހެން ކަމުން އެ ގޮތަށް ގެއިން ބޭރަށް ނިކުންނަ އިރު ފޭސް މާސްކް ބޭނުން ކުރަން ވާނެ ކަމަށާއި ބޭނުން ނިމުމުން ބޭރުގައި ނޫޅެ ގެއަށް އެނބުރި ދާން ވާނެ ކަމަށެވެ. އަދި މިގޮތަށް ބޭރުގައި އުޅޭއިރު އިޖްތިމާއި ގައިދުރުކަން ބަހައްޓަން ވާނެ ކަމަށާއި ޒަރޫރީ ބޭނުމަށް ކޮންމެ ގެއަކުން ބޭރަށް ނިކުންނަ ފަރާތުގެ ނަމާއި އެޑްރެސް 7752382 ނުވަތަ 7881325 އަށް ހިއްސާ ކުރަން ވާނެ ކަމަށެވެ.
މި ގޮތަށް އޮތް ނަމަވެސް ދަނޑުވެރިކަން ކުރާ ފަރާތްތަކުން ދަނޑަށް ދިއުމަށް ނިކުމެވޭނެ ކަމަށާއި މި ފަދަ ފަރާތް ތަކުންވެސް ކައުންސިލްގައި ނަން ނޯޓްކޮށް ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި މަސްވެރިކަން ކުރާ ފަރާތް ތަކަށް މަހަށް ފުރޭނެ ކަމަށެވެ. އެ ފަރާތް ތަކުން މަހަށް ފުރުމުގެ ކުރިން އެ ރަށުގައި ގާއިމްކޮށްފައިވާ ސޯޝަލް ސަޕޯޓް ޑެސްކާ މައުލޫމާތު ހިއްސާ ކުރަންވާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
އަދި ވަޒީފާ އަދާކުރާ ފަރާތް ތަކަށް ވަޒީފަ އަދާކުރާ ތަނަށް ނުވަތަ މަސައްކަތް ކުރާ ސައިޓަކަށް މަސައްކަތް ކުރުމަށް ދެވޭނެ ކަމަށާއި މަސައްކަތާއި ގުޅޭ ކަމެއް ފިޔަވާ އިތުރު ގޮތަކުން ބޭރުގައި ނޫޅެވޭނެ ކަމަށެވެ.
އެ ކައުންސިލުން އެދެނީ ވޭތުވެދިޔަ 14 ދުވަސްތެރޭ މާލެއިންނާއި ރިސޯޓް ތަކުންނާއި ސަފާރީތަކުން ނެއްލައިދޫއަށް ދަތުރުކޮށްފައިވާ ފަރާތް ތަކުން 14 ދުވަހުގެ މުއްދަތުގައި ގޭގައި އެކަހެރިވާން (ހޯމް އައިސޮލޭޝަން) ވާން ވާނެ ކަމަށެވެ.
ޒަރޫރީ ބޭނުންތައް ފިޔަވައި އިތުރު ގޮތަކަށް ބޭރުގައި އުޅޭނަމަ ޓާސްކް ފޯސް އަދި ސޯސަލް ސަޕޯޓް ޑެސްކްގައި މަސައްކަތް ކުރާ ފަރާތްތަކުން އެފަރާތްތަކާއި ސުވާލުކޮށް ގެއަށް ފޮނުވާލާނެ ކަމަށެވެ.
ފަރުދީ ޒިންމާ އަދާކޮށް އެ މީހެއްގެ އާއިލާއާއި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަށް ކަށަވަރުކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އަންގާ މިފަދަ އެންގުންތަކަށް ބޯލެނބުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެކެވެ.