މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ރާއްޖެއިންވެސް ދަނީ އަޅަމުންނެވެ. މި ގޮތުން އެންމެ ފުރަތަމަ ކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި ސްކޫލުތަކާއި ސަރުކާރު އޮފީސްތައް ބަންދުކުރި އެވެ. މީހުން އެއްވެ އުޅެ ނުދިނުމަށެވެ. ސަރުކާރު ބަންދުކުރިނަމަވެސް ރައްޔިތުން ރައްކާތެރިކުރުމުގެ ގޮތުން މުހިންމު ހުރިހާ މުވައްސަސާތަކެއް ހުޅުވައިގެން މަސައްކަތްތައް ދިޔައީ ކުރަމުންނެވެ. ސިއްހީ ހިދުމަތް ދޭން ތަންތަނުގެ އިތުރުން ރައްޔިތުންނާ އެންމެ ގުޅުން ހުރި ގާތުން މަސައްކަތްކުރަން ޖެހޭ ކައުންސިލްތަކުންވެސް ދިޔައީ އެލްޖީއޭއިން ސަރުކާރުން އަންގަމުންދިޔަ ކަންތައްތައް ކުރަމުންނެވެ. އޮފީސް ހުޅުވައިގެ މުވައްޒަފުން ނެރެގެންނެވެ. މުޅި ރާއްޖޭގައި އެކަން ދިޔައީ އެހެންނެވެ. އެކަމަކު މިއަދުގެ މި ހާލަތާހަމައަށް އައިރުވެސް ހދ އަތޮޅު ކައުންސިލަށް ކަހާތަން ހިރުވާލިހެންވެސް ހިޔެއްނުވެ އެވެ. މުޅި އޮފީސް ބަންދުކޮށް އެވެރިން ތިބީ "ބޮޑު ޗުއްޓީގައި" ގޭގައި އެވެ.
މިއީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ނުބަލަ ކޮންމެހެން ހުޅުވަން ޖެހޭ އޮފީސްތައް ހުޅުވުމަށް ސަރުކާރުން ވަނީ މިމަސްތެރޭގައި އަންގާފަ އެވެ. އެހެންނަމަވެސް އަތޮޅު ކައުންސިލް އޮތީ ބޮޑު ޗުއްޓީގައި އެވެ. މުޅި ރާއްޖޭގައި އަތޮޅު ފެންވަރުގައި ވައިރަހުން ރައްކާތެރިވުމަށް އަތޮޅު ފެންވަރުގައި ޓާސްކް ފޯސްތައް ހަދައިގެން ކުރިއަށްދާއިރު ހދ އަތޮޅުގައި އެފަދަ ކަމެއް ނެތެވެ. ރައްކާތެރިވުމުގެ ގޮތުން އެލްޖީއޭއިން ދިޔައީ ގިނަ ކަންތައްތަކެއް ކުރަން ކައުންސިލްތަކަށް އަންގަމުންނެވެ. އެކަންކަމުގައި ރަށު ކައުންސިލްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދެމުންނެވެ. މިއިން އެއްވެސް ކަމެއް ހދ އަތޮޅު ކައުންސިލުން ކޮށްފައިއެއް ނުވެ އެވެ.
އެލްޖީއޭއިން މުޅި ރާއްޖެ ހިމެނޭނެހެން އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ވެރިންނާއެކު ބޭއްވި ޓެލެކޮންޕަރެސް ބައްދަލުވުމުގައިވެސް ހދ އަތޮޅު ކައުންސިލުން ބައިވެރިއެއްނުވެ އެވެ. މިކަމުގެ ސަބަބުން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އަތޮޅުގެ ރަށު ކައުންސިލްތަކަށް ފުރަތަމަ ކޮޅު ވަނީ ދަތިތަކާ ކުރިމަތިވެފައި އެވެ. އެކަން ބައެއް ރަށު ކައުންސިލްތަކުގެ ވެރިންވެސް މިނޫހަށް ވަނީ ކަށަވަރުކޮށްދީފައި އެވެ. ގިނަ އަތޮޅުތަކެއްގައި އަތޮޅު ލެވެލްގައި އަތޮޅު ކައުންސިލްތަކުން އިސްނަގައިގެން ދަނީ ގިނަ ކަންތައްތަކެއް ރާވާ ހިންގަމުންނެވެ. އެކި އަތޮޅު ކައުންސިލްތަކުން ދަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ބައްދަލުވުންތައް ބާއްވާ، އަތޮޅު ފެންވަރުގައި ކުރަންވީ މުހިންމު ކަންތައްތައް ރާވާ ހިންގަމުންނެވެ. ނަމަވެސް ހދ އަތޮޅު ކައުންސިލުން މިހާތަނަށް ދިޔައިރުވެސް އެއްވެސް ބައްދަލުމެއް ބާއްވާފައިނުވާއިރު ކުޅުދުއްފުށީގައި އެކުލަވާލައިވާފައިވާ ޓާސްކް ފޯސްއަށް ދެނީ "ފިނި ތަރުހީބެކެވެ."
ހދ އަތޮޅުގެ ބައެއް ރަށްތަކުގެ ކައުންސިލްތަކުގެ ވެރިން ކޭއޯއަށް މައުލޫމާތުދެއްމުން ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އަތޮޅު ކައުންސިލްގެ އެއްވެސް އެއްބާރުމެއް ލިބެމުންނުދާ ކަމަށެވެ.
"ފުރަތަމަ ކޮޅު ކުރަންވީ ނުކުރަންވީ ކަމެއްވެސް ނޭނގިފައި ތިބީ، އަތޮޅު ކައުންސިލްގެ ވައިބަރ ގުރޫޕުގައިވެސް ބައެއް ކަންކަން ކުރަން ލަފާދީ އެހީތެރިވެދިނީ ކުޅުދުއްފުށީ ކައުންސިލް." ހދ އަތޮޅަށް ނިސްބަތްވާ ރަށު ކައުންސިލްގެ ވެރިޔަކު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ޓާސްކް ފޯސްގައި ހިމެނޭ ވެރިޔަކު ވިދާޅުވީ، ފުޑް ސެކިއުރިޓީ މައްސަލާގައި އާއި އަތޮޅާއި ސަރަހައްދުގެ ދަނޑުވެރިންނަށް ތަކެތި ވިއްކޭނެ ގޮތެއް އިންތިޒާމުކުރަން ވާހަކަދެއްކުމުންވެސް އަތޮޅު ކައުންސިލުން އެއްބާރުލުމެއް ނުލިބުނު ކަމަށެވެ. އަދި ރަށު ފެންވަރުގައިވެސް އެތަކެއްކަމެއް ކުރާއިރު އަތޮޅު ކައުންސިލުގެ އެހީތެރިކަމެއް ނުލިބޭކަމަށް ޓާސްކް ފޯސްގެ ވެރިންވެސް އެއްބަސްވެލައްވަ އެވެ. ކުޅުދުއްފުށީ ޓާސްކް ފޯސްގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން ހިމެނިވަޑައިގަންނަވަނީ އެއަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ އާއި ޑިރެކްޓަރު ޖެނެރަލް އަބުދުﷲ އައްސަދެވެ. ނަމަވެސް މިއިން ބޭފުޅަކު ޓާސްކް ފޯސް ބައްދަލުވުމަކަށް ވަޑައިނުގަންނަވާތާ މިހާރު ވަނީ އެތަކެއް ދުވަސްތަކެއް ވެފައި އެވެ.
މިކަމާ ގުޅިގެން ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ އޭނާގެ ފޯނަށް ޖަވާބު ނުދެއްވާތީ ނުލިބިފައި އެވެ. މިކަމާ ގުޅިގެން ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އަބުދުﷲ އައްސަދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ޓެނިކަލް ޑިޒިޝަންތަކެއް ކައުންސިލްތަކަށް ނެނގޭގޮތަށް ނޯނަ ކަމަށާ އެލްޖީއޭއިންވެސް ބޮޑަށް ޑީލްކުރަނީ ސީދާ ރަށު ކައުންސިލްތަކާ ކަމަށެވެ. އަދި ޓާސްކްތައްވެސް ބޮޑަށް ހަވާލުކުރަނީ ރަށު ކައުންސިލްތަކާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް އަތޮޅު ކައުންސިލްގެ ވެސް ދައުރެއް އޮންނަން ވާނެ. އެ ދައުރު އަދާކުރުމުގެ ގޮތުނ އަޅުގަނޑުމެން އޮންނާނެ ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކުގެ ޒިންމާދާރުވެރިން ހިމެނޭ ވައިބަރ ގުރޫޕެއް. އެ ގުރޫޕް މެދުވެރިކޮށް އަޅުގަނޑުމެންވެސް މިދަނީ އެހީތަކާއި އިރުޝާދުތައް މިއަންނަނީ ޒިންމާދާރުވެރިންނަށް އަރުވަމުން. ސިވިލްސާވިސް ކޮމިޝަނުން ދެއްވާ މައުލޫމާތެއްވެސް އެލްޖީއޭ ފަރާތުން ދެއްވާ މައުލޫމާތެއްވެސް ޒިންމާދާރުވެރިންނާ ހިއްސާކުރަމުން މި އަންނަނީ. ކޮންމެ ގޮތެއް ވިޔަސް މިވަގުތަކީ މީސް މީޑިއާ ނުވަތަ އޮންލައިން ވަސީލަތެ ބޭނުންކޮށްގެން ދޯ މިވަގުތު މަސައްކަތްކުރެވޭނީ. އެހެންވީމަ އެކަންކަން އެގޮތަށް ކުރަމުން އަޅުގަނޑުމެންވެސް މިއަންނަނީ." އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ، ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނަވާނީ ކައުންސިލްގެ ރައީސް ކަމަށެވެ. އެހެންނަމެވެސް ރައީސް މާލޭގައި ހުންނެވި ދުވަސްވަރެއްގައި އެންމެ ބައްދަލުވުމަކަށް އޭނާ ދިޔަ ކަމަށާއި ސަރުކާރު ބައްދުވުމާއެކު އޭނާ ދިޔައީ އާއިލާ ކައިރިއަށް ރަށަށް ކަމަށެވެ.
އަދި އޭނާ ރަށުން ބޭރަށް ދިޔައީ އަތޮޅު ކައުންސިލްގެ ޑިރެކްޓަރަށް އަންގާފައިކަމަށާ ޓާސްކް ފޯސްގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ޑިރެކްޓަރަށް އެންގި ކަމަށެވެ. އަދި ޑިރެކްޓަރު އަލީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާކަމުގެ މައުލޫމާތު ލިބިވަޑައިގަންވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ބައްދަލުވުމަށް ނުދެވުނު ވާހަކަ ދެންނެވި. ދެން އުސޫލެއްގެ ގޮތުން ކޮންމެ އިދާރާއެއްގައި ހުންނަ އެންމެ އިސްވެރިޔަކު ޓާސްކް ފޯސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. އަޅުގަނޑު މިވަގުތު މިހުރީ ރަށުން ބޭރުގައި އެހެންވީމަ ރައީސް ވަޑައިނުގަންނަވާކަމެއް އެހެން ސީދާ ސީދާ މައުލޫމާތު ލިބިފައެއް ނެތް." ހދ ކައުންސިލްގެ ޑީޖީ ވިދާޅުވި އެވެ.
މި ވަގުތުގައި ހދ އަތޮޅުގެ އެންމެ އިސް ސިވިލް ސާވެންޓް ރަށުން ބޭރުގައި ހުންނެވީ ކީއްވެތޯ ސުވާލުކުރުމުން ވިދާޅުވީ، ސަރުކާރު ބަންދުކުރި ތަނުން ރަށަށް ޖައްސާލިތަނާ ތާށިވީ ކަމަށާއި ރަށަށް އައިސް މިހުރީ ކުޑަ ބޭސް ފަރުވާއަކަށް ކަމަށެވެ. ރަށުން ބޭރުގައި ހުރިނަމަވެސް ވައިބަރ މެދުވެރިކޮށް އޮފީސް މަސައްކަތުގައި ބައިވެރިވަމުން ގެންދަވާ ކަމަށާއި ޓާސްކް ފޯސް ގުރޫޕުގައިވެސް މައުލޫމާތާއި ހިޔާލު ހިއްސާކުރަމުންދާ ކަމަށް އުތީމަށް ނިސްބަތްވެވަޑައިގަންވާ އައްސަދު ވިދާޅުވި އެވެ.
"އަޅުގަނޑަށް މިވީ ގޮތަކަކީ އޭރުގައި ރަށުން ބޭރަށް ޖައްސާލިތަނާ ކުޑަކޮށް ތާށިވީވެފައި މި ހުރީ. އަޅުގަނޑު ކުޑަކުޑަ ބޭސް ފަރުވާއަކަށް އައީ. އާތަނުން ކުޑަކޮށް ތާށިވެފަ މިހުރީ. އަޅުގަނޑު ފައިގެ ކުޑަކުޑަ މައްސަލައެއް ހުރީމަ ފިޒިއޮތެރެޕީ ހަދާލަން ޖެހޭތީ އާއެކޮށް އަޅުގަނޑުގެ އާއިލާ ކައިރިއަށް މިކޮޅަށް މިއައީ. އާތަނުން މިކަންކަން މިދިމާ. އެކަމަކު އަޅުގަނޑާ ވައިބަރކޮށް އޮފީސް މަސައްކަތުގައި ބައިވެރިވަމުން މިގެންދަނީ." ކުރިން ނޮޅިވަރަމްގެ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ، ޓާސްކް ފޯސްއިން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ސްޓޭޓް ހައުސް ބޭނުންވާކަމުގެ މައުލޫމާތު ލިބުމާއެކު އެތަން އެކަމަށް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. ހުރިހާ މާނައެއްގައިވެސް އެއްބާރުލުން ދޭން އޮންނާނީ ނިންމާފައި އެއްގޮތަށް އަމަލުކުރަމުންވެސް މިދަނީ އައްސަދު ވިދާޅުވި އެވެ.
ޓާސްކް ފޯސްގެ އެކި ކަންކަމުގައި އަތޮޅު ކައުންސިލް މުވައްޒަފުން ނުކުމެ މަސައްކަތް ކުރޭ ތޯ އެހުމުން އޭނާ ވިދާޅުވީ، ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ހުރިހާ މުވައްޒަފުންވެސް މަސައްކަތްކުރުމަށް އަންގާފައިވާނޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އަތޮޅު ކައުންސިލުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމާއި އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ގާތުވެސް ދަންނަވާފައިވާނެކަމަށެވެ. އޭނާ ތަކުރާރުކޮށްވެސް ވިދާޅުވަމުންގެންދެވީ ހދ އަތޮޅު ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުންގެ ވައިބަރ ގުރޫޕުގައި އާއި ޒިންމާދާރުވެރިންގެ ވައިބަރ ގުރޫޕްތަކުގައި އެލްޖީއޭއިންނާއި ސިވިސް ސާވިސް ކޮމިޝަނުން ފޮނުވާ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުންގެންދާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ހދ އަތޮޅު ކައުންސިލުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އެ ކައުންސިލްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އާންމުކޮށްފައިވާނެ ކަމަށެވެ. އަތޮޅު ކައުންސިލްގެ ރައީސް ފޯނަށް ޖަވާބު ނުދޭތީ ބައެއް ފޯނު ކޯލްތައް އޭނާއަށްވެސް އަންނަކަމަށާ އެކަމަށް އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް އައްސަދު ވިދާޅުވި އެވެ.
އައްސަދު އެ ވިދާޅުވާ ކައުންސިލުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހިމަނާ އެ ކައުންސިލުން ޕޭޖުން އާންމުކޮށްފައިވާ އިއުލާނުގައިވާ ކަންތައްތައްތަކީ މީގެ ކުރިން ކުޅުދުއްފުށީ ޓާސްކް ފޯސްއިންނާއި އެޗްޕީއޭއިން ނިންމާ އާންމުކޮށްފައިވާ ކަންތައްތައް ކަން ފާހަގަކޮށްލެވެ އެވެ.
ހދ އަތޮޅުގެ ގިނަ ރަށްތަކަކުންނާއި ކުޅުދުއްފުށީ ޓާސްކް ފޯސްގައި ތިއްބަވާ ފަރާތްތަކުން އައްސަދުގެ ވާހަކަތަކަށް ދެކޮޅު ހައްދަވަ އެވެ. އެގޮތުން ވައިބަރ ގުރޫޕްތަކުގައި އައްސަދު ހާމަކުރާ މައުލޫމާތަކީ އެލްޖީއޭއިންނާއި އެޗްޕީއޭއިން އާންމުކޮށްފައި ހުންނަ ޕޯސްޓްތައް ކަމަށާ އަތޮޅު ކައުންސިލްގެ ދައުރު އަދާނުކުރާ ކަމަށެވެ. އެގޮތުން އެހެން އަތޮޅުތަކުގައި ކާޑުގެ ބާވަތްތަކުގައި އާއި އަތޮޅު ފެންވަރުގައި ގިނަ ކަންތައްތައް ކޯޑިނޭޓް ކުރަނީވެސް އަތޮޅު ކައުންސިލްތަކުންކަމަށެވެ.
ހދ އަތޮޅު ކައުންސިލްގެ އިސް މުވައްޒަފަކު ކޭއޯއަށް ވިދާޅުވީ ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އޮންލައިންކޮށް ނަމަވެސް ބައްދަލުވުން ބާއްވަން ލަފާދީފައިވާ ކަމަށެވެ. އަދި އެކަންކަމަށް އަތޮޅު ކައުންސިލްގެ ރައީސް އެއްބާރުލުން ނުދެއްވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ކައުންސިލްގެ ރައީސް އާއި ޑިރެކްޓަރު ޖެނެރަލް ޓާސްކް ފޯސްގެ ބައްދަލުވުންތަކުގައި ބައިވެރިވެޑައިނުގަންނަވާތާ ދުވަސްތަކެއް ފަހުން، އެކައުންސިލްގެ ޑިރެކްޓަރު އަލީ ޓާސްކް ފޯސްގައި ބައިވެރިވާކަމަށެވެ. އެކަން އެހެންދިމާވީވެސް ޓާސްކް ފޯސް ތެރޭގައި އަތޮޅު ކައުންސިލްގެ ބޭފުޅުން ވަޑައިނުގަންވާތީ އެކަމާ ސުވާލުކުރުންކަމަށް އެ އޮފިޝަލް ވަނީ މައުލޫމާތުދީފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އަތޮޅު ކައުންސިލުން އެހެން މުވައްސަސާތައް މަސައްކަތްކުރާ ގޮތަށް މަސައްކަތް ނުކުރާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މިއީ ބަންދެއް ނޫންކަމަށްވެސް ސަރުކާރުން ވަނީ ކައުންސިލްތަކަށް އަންގާފައިވެ އެވެ. އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތަކަށް އަންގާފައިވަނީ މުވައްޒަފުންގެ ހާޒިރީވެސް ނެގުމަށެވެ. ވީ އެންމެ މަދު މުވައްޒަފުން ނެރެގެން ހިދުމަތް ދިނުމަށެވެ. އެ މަސްއޫލިއްޔަތުގައި އަދާކުރަން ޖެހޭނީ ކައުންސިލްތަކުގެ ޒިންމާދާރުވެރިންނެވެ. ސިޔާސީ ފަރާތްތަކުން ކަންކަން ކުރުމަށް އުޒުރުވެރި ވެއްޖެއް ހާލަތެއްގައި ޒިންމާދާރުވެރިޔާގެ އޭނާގެ މަސްއޫލިއްޔަތު އަދާކުރަން ޖެހެ އެވެ. އެކަމަކު ހދ އަތޮޅުން އެގޮތަށް އަމަލުކުރަމުންނެއް ނުދެ އެވެ. އެތަނުގެ ހުރިހާ ކަމެއް ވަނީ މެދުކަނޑާލައި ބަންދުކޮށްފަ އެވެ.
އަތޮޅުގެ ބައެއް ކައުންސިލްތަކުގެ މުވައްޒަފުން ބުނީ މި ދަނޑިވަޅުގައި ހދ އަތޮޅުގެ އެންމެ އިސް ޒިންމާދާރުވެރިޔާ ރަށުގައި ނެތުމަކީ ލިބޭ ވަރަށް ބޮޑު އުނިކަމެއް ކަމަށާއި ޒިންމާއިން ރެކި އެހެން ރަށަށް ގޮސް، ޗުއްޓީ ހަދަން ތިބެދީގެން ނުވާނެ ކަމަށެވެ. އަތޮޅު ކައުންސިލުގެ މެމްބަރުންނާއި ރައީސް އިސްތިއުފާއަށްވެސް އެ މީހުންވާ ގޮވާލާފަ އެވެ. މި ދަނޑިވަޅުގައި މަސައްކަތް ނުކޮށް ޗުއްޓީ ނަގައިގެން ތިބޭއިރު މުސާރަވެސް އެ ދުވަސްތަކަށް ހިނގައިގެން ނުވާނެކަމަށް އެ މީހުން ވިދާޅުވެ އެވެ.