ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއުލާނު ކޮށްފައިވާ ފިޔަވަޅުތައް އަތޮޅުތަކުގެ ރަށް ރަށުގައި ތަންފީޒު ކުރަން ރަށު ކައުންސިލުތަކަށް ބާރު ދިނުމުގެ މަޝްވަރާތައް ކުރަމުންދާ ސަރުކާރުން ބުނެފި އެވެ.
މިހާރުވެސް ރަށްރަށުގެ ޓާސްކް ފޯސްތަކަށް ދިމާވެފައިވާ ބޮޑު ހުރަހަކީ ރައްޔިތުން ރައްކާތެރިކުރާނެ ގާނޫނީ ބާރު ނެތުމެވެ. އެހެންވުމުން ޓާސްކް ފޯސްތަކުން އަންނަނީ ބޮޑެތި އުނދަގޫތަކާއި ރައްޔިތުންގެ ފުރައްސާރަ ކުރިމަތިވަމުންނެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ އަދި މިރޭގެ ވަގުތެއްގައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައި ވެސް އަޅާނެ އިތުރު ފިޔަވަޅުތަކާބެހޭ ގޮތުން ގޮތެއް ނިންމާނެކަމަށެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރަށްރަށުގައި އަމަލުކުރާނެ ފިޔަވަޅުތަކުގެ އިތުރުން އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ބާރު ކައުންސިލުތަކަށް ދިނުމާ ގުޅޭގޮތުން އެޗްޕީއޭއިން އެލްޖީއޭއާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް މަބުރުކް ވިދާޅުވި އެވެ.
މާލެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 51 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ބިދޭސީންނާއި މާބަނޑު އަންހެނުން އަދި ކުޑަކުދިން ވެސް ހިމެނެ އެވެ. ކޮވިޑް-19 އާ ގުޅިގެން މިވަގުތު މުޅި ރާއްޖެ ވަނީ ލޮކްޑައުންއަކަށް ގެނެސްފަ އެވެ.