ނޮޅިވަރަމުން ފުރައިގެން ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދަތުރުކުރި ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އެއްރަށުން އަނެއް ރަށައް ދަތުރު ކުރުން މަނާކޮށްފައި ވަނިކޮށް ހުއްދަ ނުހޯދާ ކެނޯއެއްގައި ކުޅުދުއްފުއްޓަށް އެރި ދެމީހެއްގެ މައްސަލަ ހުށައަޅާފައިވާކަމަށާއި އަދި އެމީހުން ކުޅުދުއްފުއްޓަށް އަރާފައިވަނީ ކުޅުދުއްފުށީ އެއާޕޯޓު ރަންވޭ ހުޅަނގު ފަރާތުން ކެނޯ ބަންޑުން ޖަހާލުމުން ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި މި ދެމީހުން ކެނޯގައި ދަތުރުކޮށްފައިވަނީ ކެނޯގެ ވެރިފަރާތުގެ ވެސް ހުއްދަ ނެތިކަމަށާއި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި ދެ މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ދެމީހުން ކުޅުދުއްފުއްޓަށް ދަތުރުކޮށްފައިވާއިރު މި ވަގޮތު ނޮޅިވަރަމް އޮތީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނުމާ ގުޅިގެން މޮނީޓަރިންގެ ހާލަތުގައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ފިޔަވާ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފަ އެވެ
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.