ކުރިއަށް އޮތް ރޯދަ މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން ބުދަ ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.
އެ ޑިޕާޓުމެންޓުން ކުރި އިއުލާނެއްގައި ބުނީ އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށެވެ.
ހަނދު ސާބިތު ކުރުމަށް ހެކިބަސް ނެގުން އޮންނަނީ ބުދަ ދުވަހު ހަވީރު 06:00 އިން 07:30 އަށެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނުގައި ބުނީ މި ދުވަސްވަރަކީ ކޮވިޑް-19 އާ ގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސްތަކަކަށް ވާތީ، ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭން ބޭނުންވާނަމަ، ރަށެއްގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުން އާއްމުކޮށްފައިވާ ގޮތަށް އަމަލުކޮށް ހެކިބަސްދެއްވުމަށެވެ. މާލޭގައި ނަމަ، ޑީޖޭއޭގެ 7704777 ނަންބަރަށް ގުޅުމަށްފަހު އެ މައުލޫމާތު ހިއްސާކުރާ ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތިން މާލޭގެ ގާޒީއެއްގެ ކުރިމަތީގައި ދިނުމަށް ވަނީ އެދިފަ އެވެ.
ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާވެސް އަވަހަކަށް އެކަމުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކަށް ދިނުމަށް ޑީޖޭއަށް އިން ވަނީ އެދިފަ އެވެ.
ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި އެ ނޫންވެސް އެފަދަ މުހިންމު މައުލޫމާތު ދޭންޖެހެ އެވެ. ހަނދާބެހޭ ގޮތުން، ގޮތެއް ނިންމާނީ ހަނދާބެހޭ ކޮމެޓީގެ ޖަަލްސާއަށް ފަހުގަ އެވެ.