ކުޅުދުއްފުށީގައި ކާފިއު ހިލާފުވާ ފަރާތްތަކުން 500-5000 ރުފިޔާ ދެމެދު އަދަދަކުން ޖޫރިމަނާކުރަން ނިންމާ އެކަން އާންމުކޮށްފި އެވެ.
ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު އިޢުލާން ކުރެވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 2020/39 ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިއާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖުތިމާއި ގައިދުރުކަން ގާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެ ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންކަމަށެވެ.
އެގޮތުން ކާފިއު އިއުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށާއި މި އެންގުމާއި ހިލާފުވާ ފަރާތްތަކާ މެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދުކަން ޖޫރިމަނާ ފިޔަވަޅު އެޅުމަށް ލިބިދޭ ބާރުގެ ދަށުން އަމަލު ކުރަމުގެ އިހްތިޔާރުގެ ކައުންސިލަށް ލިބިފައިވާކަމަށް އާންމުކޮށް އަންގައި ކަމަށެވެ.
ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައިވާތީ ކުޅުދުއްފުށި ކޮވިޑް-19 ޓާސްކު ފޯސްގެ ނިންމުމުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލުކޮށް ރައްކާތެރިވުމުގެ ގޮތުން މިއަދު މެންދުރު 12:00 އިން ފެށިގެން 24 އެޕްރީލް 2020 ގެ 12:00 އަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު ވަނީ ހިންގާފަ އެވެ.
މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށާއި ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް ޓާސްކް ފޯސްއިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންވެ. އަދި ބަލި ފަތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ޓާސްކް ފޯސް އިން ދަނީ ނަސޭހަތްތެރިވަމުންނެވެ.