ޗައިނާއިން އުފަންވެގެން ދުނިޔޭގެ ގިނަގައުމުގައި ހަލުވިކަމާ އެކު ފެތުރެންފެށި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ބިރުވެރިކަން މިހާރު ދިވެހިރާއްޖެ އަށްވެސް މިވަނީ ކުރިމަތިލާން ޖެހިފަ އެވެ. ރާއްޖޭގެ ވެރިރަށް މާލެއިން މިހާރު ދަނީ މިބަލި ފެންނަމުންނެވެ.
އެއާއެކު މުޅި ރާއްޖެ މިވަނީ މި ބަލީގެ ބިރުވެރިކަމުގެ ވަކިތަކުގެ ޝިކާރައަކަށް ވެފައި އެވެ. މިކަން ސިއްހީ މާހިރުންވެސް މިދަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން އެކަން ހާމަކުރައްވައި އިއްޔެ އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓްވިޓެއްގައިވަނީ" ކޮވިޑް މިސްރާބު ދެން ޖަހާނީ ރަށްތަކަށް. މާލެއާއި ހިލާފަށް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާނީ ސިއްހީ އެހީތެރިން. ރަށް ރަނގަޅަށް ދަންނާނީ އެބޭފުޅުން. މިބަލިން އަރައިގަތުމަށް އެބޭފުޅުން ބާރުވެރި ކުރަންޖެހޭ." ޑރ ވިދާޅުވި އެވެ.
އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޕްރެސް ބްރީފިންގައި ދެއްކެވި ވާހަކަ ތަރުޖަމާ ކުރައްވާ ޑރ އަހުމަދު ފައިސަލް ވަނީ ރައްޔިތުންނަށް މުހިންމު މެސެޖެއް ދެއްވާ އިތުރު ޓްވީޓެއް ކުރައްވާފަ އެވެ.
ޑރ ގެ ޓްވިޑްގައި ވަނީ "ކޮވިޑް ކަހަލަ މުޅި ދުނިޔެ ފަތަހަ ކުރަމުންދާ ބައްޔެއް ހުއްޓުމަކަށް ގެނައުމަށް އެންމެ މުހިންމު އެއްޗަކީ ސަރުކާރަށް ރައްޔިތުން ރައްޔިތުން ކުރާ އިތުބާރު. ދިރިއުޅުމުގައި އާންމުކޮށް ކުރާ ކަންތައްތައް ބަދަލުކުރަން ބުނުމުން އެކަމަށް އިޖާބަދެނީ ސަރުކާރުން އެބުނާ ކަމެއް ކުރީމާ ނަތީޖާ ފެންނާނެތީ" ކަމަށް ޑރ ވިދާޅުވި އެވެ.
ކޮވިޑް-19 ވައިރަސް މިހާތަނަށް ރާއްޖެއިން މިވަނީ 85 މީހަކު ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގައި ހުރި މީހަކު ވެސް ހިމެނެ އެވެ. އަދި ޕޮޒިޓިވްވެފައިވާ މީހުންނާ ކޮންޓެކްޓްވެފައި ވާ ފަރާތްތައް ވެސް އަތޮޅުތެރޭގައި ތިބުމާއި އެކު އަތޮޅު ތަކަށް ވެސް މިވަނީ ވައިރަހުގެ ބިރުވެރިކަން ކުރިމަތިލާން ޖެހިފަ އެވެ.
އެހެންކަމުން އަތޮޅުތަކުގެ ގިނަރަށްތަކުގައި ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅަމުންނެވެ. ހާއްސަކޮށް ބޮޑުތިލަދުންމަތިން ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން ބޮޑުތިލަދުންމަތީގެ ބައެއްރަށްތަށް ލޮކްޑައުންކޮށް ކާފިއުވެސް ހިންގަ އެވެ.
މި ނުރައްކާތެރި ދަނޑިވަޅުގައި ކަމާއި ބެހޭ ފަރާތް ތަކާއި ސިއްހީ މާހިރުންގެ އިރުޝާދު ތަކަށް ބޯލެންބުމަކީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެކެވެ.