ކުޅުދުއްފުށީގައި މަރުވާ މީހުން ހިނެވުމާއި ވަޅުލުމުގެ ކަންތައްތައް ޢުލާ ގަބުރުސްތާނަން ބަދަލުކޮށްފި އެވެ. މީގެ ކުރިން ކުޅުދުއްފުށީގައި މަރުވާ ހިނެވުމާއި ވަޅުލުމުގެ ކަންތައްތައް ކުރިއަށްގެންދިޔައީ ކުޑަ މިސްކިތު ގަބުރުސްތާނުގައި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީގައި މަރުވާ މީހުންނާއި އަދި މިހާރުން ފެށިގެން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށްގެންދަން ނިންމާފައިވަނީ ޢުލާ ގަބުރުސްތާނުގައި ކަމަށެވެ.
ކުޑަމިސްކިތުގެ ހިނަވާގެ މިހާރު ވަނީ ވަރަށް ބޮޑަށް ބާވެ، އަދި އެ ގަބުރުސްތާނުގެ ޖާގަވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފައި އެވެ.
މިހާރު ކުޅުދުއްފުށީގައި ވަނީ ކޮވިޑް-19 ގެ ޖެހިގެން މަރުވާ މީހުންގެ ކަށުކަމާކެމީ ކަންތައް ކުރިއަށްގެންދާނެ ގޮތުގެ ސެޝަންއެއް ކުރިއަށްގެންގޮސްފަ އެވެ.
އެގޮތުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ހިނެވުމުގައި ފެން ބޭނުންކުރުމުގެ ބަދަލުގައި ޖެހޭނީ ތަޔައްމަމު ކުރަންށެވެ. ބޮޑީ ބޭގް ނުވަތަ ފޮތިގަނޑުގެ މަތިން ތަޔައްމަމު ކޮށްގެންނުވާނެ އެވެ. އަދި އެއީ ސިއްހީ މާހިރުން އެގޮތަށް ލަފާ ދެއްވާފައިވާތީ އެވެ.
ކުޅުދުއްފުށީ ޓާސްކް ފޯސްގެ ޗެއާމަން އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވެފައިވަނީ ތަޔައްމަމު ކުރާނީ އާންމުކޮށް ކުރާގޮތަކަށް ނޫންކަމަށާއި މިހާލަތާ ގުޅިގެން ތަޔައްމަމު ކުރާނީ ހާއްސަ ގޮތަކަށް ކަމަށެވެ. އަދި މައްޔިތާ ސާފު ފޮތިގަނޑެއްގައި އޮޅާލައި ކަފުން ކުރަންވާނެ ކަމަށާއި ޒަރޫރީ ހާލަތެއް ނެތް ނަމަ ސަންދޯކަށް ލުމަށްފަހު ހުރިހާ ފަރާތެއްގައި ފިލާ ޖަހަންވާނެ ކަމަށެވެ. މަންމަ އާއި ދަރިފުޅު ނުވަތަ ބައްޕަ އާއި ދަރިފުޅު އެއް ސަންދޯކަކަށް ލެވިދާނެކަމަށެވެ.
ސެޝަންގައި ބުނެފައިވަނީ ބޮޑު އެއްވަޅުގަނޑަށް އެއް ސަންދޯކަކަށްވުރެ ގިނަ ސަންދޯއް ލެވިދާނެކަމަށާއި އާއިލާ މީހުންނަށް މައްޔިތާ ކަށަވަރުކުރުމަށްޓަކާ ސަހަރާއަށް ގެންގޮސް މޫނު ދެއްކި ދާނެ ކަމަށެވެ. ކަށުނަމާދު ކުރާނީވެސް ސަހަރާގައި ކަމަށެވެ.
ވަޅުލުމުގައި ސިއްހީ ނުރައްކަލެއް ނެތްކަމުގައިވާތީ މައްޔިތާ ވަޅުލަންވާނީ ސަހަރާގައި ކަމަށެވެ، އަދި ކަށުކަމާކެމީގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންވާނެކަމަށް ސެޝަންގައި ކިޔާދީފައިވެ އެވެ.