twitterviber whatsapp telegramfacebookyoutube instagram
12th May 2024

ކުރިއަށް ވިސްނައި ދުރާލައި އަޅަމުންދިޔައީ ހަރުދަނާ ފިޔަވަޅުތަކެއްކަން މިއަދު ހުރިހާ ފަރާތްތަކަށް ވިސްނޭނެކަމަށް އުންމީދުކުރަން

Apr 26, 2020
1

ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްގެ ފަރާތުން ކުރިއަށް ވިސްނައި އަޅަމުންގެންދަނީ ވަރަށް ހަރުދަނާ ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތަކެއްކަން މިއަދު ހުރިހާ ފަރާތްތަކަށްވެސް ވިސްނޭނެކަމަށް އުންމީދުކުރާކަމުގައި ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރު އަބުދުﷲ އާދަމް (އެޑަމް) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިމިވަނީ އެޗްޕީއޭއިން ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނިކޮށްނެވެ. ކުޅުދުއްފުއްޓަށްކީ ރާއްޖޭގެ އެހެން ރަށްތަކާއި އަޅަ ބަލާއިރު މާލެ ފިޔަވާ އެންމެ ގިނަ މީހުން ދަތުރުކުރާ ރަށެވެ. ސަރަހައްދީގޮތުން އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ތަފާތުއެކި ހިދުމަތްތައް ހޯދުމަށް ކޮންމެ ދުވަހަކުވެސް ކުޅުދުއްފުއްޓަށް އާދެ އެވެ.

އެހެންވުމުން ކޮވިޑް-19 ގެ ފެތުރިދާނެކަމުގެ އެންމެ ރިސްކް ބޮޑު ރަށެއްގެ ގޮތުގައި ފާހަގަކޮށް ކަމާގުޅުން ހުރި ފަރާތްތަކަށް އެކަން ދިޔައީ އަންގަމުންނެވެ. އެކަމަކު އެއަށް މާބޮޑު ސަމާލުކަމެއް ނުލިބުމުން، ކުޅުދުއްފުށި ޓާސްކް ފޯސް އިން އިސްނަގައި ދުރާލައި ހަރުދަނާ ފިޔަވަޅުތަކެއް އެޅި އެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ ކަމަކީ ރަށަށް އަރައި ފޭބުން މަނާކޮށް ކާފިއު ހިންގުމެވެ. އެކަމުގެ ސަބަބުން އެޗްޕީއޭގެ ފަރާތުންނާއި އެކި އެކި ދިމަދިމާލުން ޓާސްކް ފޯސްއަށް ފިއްތުންތައް ކުރިމަތިކުރުވި އެވެ. އަދި ބައެއް އާންމުގެ ނުރުހުމާއި ފާޑުކިޔުންވެސް އަމާޒުވި އެވެ.

ޓާސްކް ފޯސްގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ކައުންސިލްގެ ޑިރެކްޓަރު އަބުދުﷲ އާދަމެވެ. އޭނާ މިވަނީ އެކަމަށް އިޝާރާތްކޮށް މިއަދު ސޯޝަލް މީޑިއާއަށް ޕޯސްޓެއް ދޫކޮށްލާފައި އެވެ. އޭނާ ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ކޮވިޑް-19 ޓާސްކު ފޯސްގެ ފަރާތުން ކުރިއަށް ވިސްނައި އަޅަމުން ގެންދަނީ ވަރަށް ހަރުދަނާ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން މިއަދު ހުރިހާ ބޭފުޅުންނަށްވެސް ވިސްނޭނެ ކަމަށް އުންމީދު ކުރަން ކަމަށެވެ.

ކުޅުދުއްފުށީގައި ކޮވިޑް-19 ޓާސްކު ފޯސްގެ ފަރާތުން ކުރިއަށް ވިސްނައި އަޅަމުން ގެންދަނީ ވަރަށް ހަރުދަނާ ކޮންމެހެން...

Posted by Adam Abdulla on Sunday, April 26, 2020

އަބުދުﷲ އާދަމް (އެޑަމް) ވިދާޅުވީ ޓާސްކު ފޯސްގެ ފަރާތްތަކަށް ރަށް ލޮކްޑައުން ކޮށްގެން ކުރަންޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނަ ކަމަށާ އެތަކެއް މީޓިންގއެއް ބާއްވައި، ޑިއުޓީތަކެއް އަދާކޮށް، އެތަކެއް ކަރުދާހެއް ލިޔެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ގިނަގުނަ ކަންތައްތަކެއް ރާވައި ހިންގަން ޖެހިފައިވާ ކަމަށެވެ.

ރަށެއް ލޮކްޑައުން ކޮށްގެން އާންމުންނަށް ޚިދުމަތް ދިނުމަކީ ބުރަ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވަމުން އެޑަމް ވިދާޅުވެފައިވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން އަންނަނީ ލިބެމުންއަންނަ ކަމަށާއި އެކަމުގައި ގިނަ މުއައްސަސާތަކުގެ ވެރިންނާއި، ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނާއި، ދަރުމައަށް މަސައްކަތް ކުރާ ފަރާތްތައް ރެއާއި ދުވާލު މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ. އަދި މި މަސައްކަތަށް އާންމުންގެ ގިނަ ބަޔެއްގެ ފަރާތުން ލިބޭ އެއްބާރުލުން އުފަލާއެކު ބަލައިގަންނަން ކަމަށެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސްއިން އަންނަނީ މިކަމާ ވަރަށް ދުރާލައި ތައްޔާރުވަމުންނެވެ. ސަރުކާރުން އެންގުމުގެ މާކުރިން ކޮންމެހެން ކުރަން ޖެހޭ ކަންތައްތައްކުރަމުންނެވެ. ކާފިއު އިއުލާނުކޮށްފައިވާއިރު ޒަރޫރީ ހިދުމަތްތައް ހޯދުމުގައި ޓާސްކް ފޯސްއިން އަންނަނީ ފާސްތަކެއް ދޫކުރަމުންނެވެ. އަދި ބަންދަރުގައި ސެކިއުރިޓީ ޑެސްކް ގާއިމުކޮށް މުވައްސަސާތަކުން އަންނަނީ 24 ގަޑިއިރު ފޯރިމަރަމުންނެވެ. އަދި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދިނުމަށް ސޯޝަލް ސާވިސް ޑެސްކް ގާއިމުކޮށްގެންވެސް އަންނަނީ ހިދުމަތްދެމުންނެވެ.

މިކަމުގައި އެންމެ އިސްވެ އުޅެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ކައުންސިލާއި، ރެޑްކުރެސެންޓާއި ފުލުހުން އަދި ސިފައިންނެވެ. އަދި މީގެ އިތުރުންވެސް ބައެއް އެހެން މުވައްސަސާތަކުގެ ވެރިންވެސް އަންނަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެގޮތުން އުރީދު، ކަސްޓަމްސް ހދ އޭއީސީ، އެމްއެންޔޫ ކުޅުދުއްފުށީ ބުރާންޗު އަދި ބީއެމްއެލް ކުޅުދުއްފުށީ ބުރާންޗް ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355