ފާޑުކިޔުންތަކާ ހެދި އެންމެ ފަހުން ހދ އަތޮޅު ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ހދ އަތޮޅު ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ކޮވިޑް-19 ގެ މައްސަލާގައި އަތޮޅު ކައުންސިލްގެ ޒިންމާ އެއްވެސް ވަރަކަށް އަދާކޮށްފައިވާ ނުވާތީ އެހެންވެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށްނެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަކީ ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވަމުން އަންނަ މަގާމެވެ. އެހެންވުމުން ކޮންމެ އަހަރަކުވެސް ދައުރު ހަމަވުމުން އާ މެމްބަރަކު އެ މަގާމަށް އިންތިހާބުކުރަނީ އެވެ.
ރައީސް އިސްތިއުފާ ދެއްވިއިރު ނައިބު ރައީސް ހުންނެވީ ކަރަންޓީނުގައި މީގެ އިތުރުން ދެން ތިއްބަވާނީ ތިން މެމްބަރުންނެވެ.
ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިނަމަވެސް މެމްބަރުކަމުން އާދަމް އިސްތިއުފާ ދެއްވާފައެއް ނުވެ އެވެ. މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުމުގެ ގޮތުން ސަރުކާރުން އޮފީސްތައް ބަންދުކުރިނަމަވެސް އެކަމަށް ތައްޔާރީތައްވުމަށް ދިޔައީ ކައުންސިލްތަކަށް އަންގަމުންނެވެ. އެގޮތުން ދުވަހެއް ދުވަހަށް ކުރަން ޖެހޭ ކަންތައްތައް ދިޔައީ އަންގަމުންނެވެ.
އަދި ސިއްހީ ހިދުމަތް ދޭން ތަންތަނުގެ އިތުރުން ރައްޔިތުންނާ އެންމެ ގުޅުން ހުރި ގާތުން މަސައްކަތްކުރަން ޖެހޭ ކައުންސިލްތަކުންވެސް ދިޔައީ އެލްޖީއޭއިން ސަރުކާރުން އަންގަމުންދިޔަ ކަންތައްތައް ކުރަމުންނެވެ. އޮފީސް ހުޅުވައިގެ މުވައްޒަފުން ނެރެގެންނެވެ. މުޅި ރާއްޖޭގައި އެކަން ދިޔައީ އެހެންނެވެ. ނަމަވެސް ހދ އަތޮޅު ކައުންސިލުން އޮފީސް ހުޅުވައި މުވައްޒަފުން ނެރުމުގެ ބަދަލުގައި ތިބީ "ބޮޑު ޗުއްޓީގައި" ގޭގައި އެވެ.