އަމާޒު ބޯޓާ ގުޅިގެން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ނުވަ އަކަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފި އެވެ.
އަމާޒު ބޯޓާ ގުޅިގެން ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިމިވަނީ އެ ނަރުދޫގައި ދުއްވާ އެ ބޯޓުގެ ކެޕްޓަން ޕޮޒިޓިވް ވެފައިވަނިކޮށެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓާ ގުޅުވައިގެން ށ. ނަރުދޫއިން މިހާތަނަށް އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ށ. މިލަންދޫގައި އިތުރު މީހަކު އެ ވައިރަހަށް ވަނީ ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ބޯޓާ ގުޅިގެން ޖުމްލަ 113 ކޮންޓެކްޓެއް ހޯދިފައިވީ ނަމަވެސް ހައި ރިސްކުގެ ގޮތުގައި ކަނޑައެޅިފައިވަނީ 35 މީހެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
އަދި ހައި ރިސްކު މީހުންގެ ތެރެއިން 11 މީހެއްގެ ކިބާގައި ބަލީ އަލާމްތައް ހުރި ކަމަށާއި، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވާ ނުވަ މީހުންނަކީވެސް އޭގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.
އެ ބޯޓުގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ އެ ބޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސް އަދި އެ ބޯޓު ދަތުރުކުރި ރަށްތައް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
މި ބޯޓު ވަނީ ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރުކޮށްފަ އެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.