މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު 14 ދުވަހަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމަވައިފި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު 14 ދުވަހަށް ދަންމަން ނިންމާފައިވާއިރު މިހާރު އިއުލާންކޮށްފައިވާ 14 ދުވަހުގެ ލޮކްޑައުންގެ މުއްދަތު ހަމަވަނީ މާދަމާ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ފުރަތަމަ ލޮކްޑައުން ކުރީ މި މަހުގެ 15 ން ފެށިގެން 24 ގަޑިއިރަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާ އެކު، މި މަހުގެ 17 ން ފެށިގެން އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިލި އެވެ.
މާދަމާ އިން ފެށިގެން ލޮކްޑައުންގެ މުއްދަތު އަނެއްކާ ވެސް 14 ދުވަހަށް އިތުރު ކުރުމުން އަންނަ މަހުގެ 14 އާ ހަމައަށް ކުރިއެކޭ އެއްގޮތަށް މާލެ ސަރަހައްދު އޮންނާނީ ލޮކްޑައުންގެ ހާލަތުގަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން މާލެ އިން އަދިވެސް ފެންނަމުން ދާއިރު، ކޮންޓެކްޓް ޓްރޭސިން ހެދުމާއި ރެންޑަމް ސާމްޕަލް ނެގުން އެޗްޕީއޭ އިން ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެ އެވެ. މަގުމަތީގައި އުޅޭ މީހުންނާއި ބިދޭސީންގެ ސާމްޕަލް ނެގުމަށް އެ އިދާރާ އިން މިހާރު ވަނީ ޚާއްސަ އިސްކަމެއް ދޭން ފަށައިފަ އެވެ.
ކޮވިޑް-19 އަށް މާލެ އިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކާ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު އޭގެ ފަހުން މާލެ އިން އެކަނިވެސް 150 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. މުޅި ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 250 އެވެ.