twitterviber whatsapp telegramfacebookyoutube instagram
10th May 2024

ކައުންސިލް އިންތިހާބު ފަސްކުރުމުގެ ބިލު ފާސްކޮށްފި

ޚަދީޖާ އާދަމް
Apr 29, 2020

ކޮވިޑް-19 ގެ ސަބަބުން މުއްދަތެއް ނެތް ގޮތަކަށް ފަސްކޮށްފައިވާ މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފާސް ކުރުމަށް ބޭނުންވާ ހާއްސަ ވަގުތީ ގާނޫނުގެ ބިލު މިއަދު ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އޭގެ ސަބަބުން ދިމާވާ ކަންކަން ހައްލު ކުރުމުގެ ގޮތުން އިންތިހާބު ފަސް ކުރުމުގެ ވަގުތީ ނުވަތަ ސަންސެޓް ގާނޫނެއްގެ ބިލެއް ސަރުކާރުން ހުށަހެޅީ އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލު މިއަދުގެ ޖަލްސާގައި ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލުގައިވާ ގޮތުން ފަސްވެގެން ދާނީ ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ކަންކަމެވެ. އެ އިންތިހާބުގައި ވާދަ ކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް ބިލުގައި ބުނެ އެވެ.

ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިންތިހާބާ ގުޅޭ އިތުރު މަސައްކަތެއް އީސީން ކުރާ ގޮތަށް ބިލަށް މާއްދާއެއް އިތުރުކޮށްފަ އެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާއި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލާން ބޭނުންވާ މީހުން ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް އަލުން ކުރަން ޖެހޭ ގޮތަށެވެ.

މީގެ އިތުރުން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ މީހުނަށް އެ ފުރުސަތު އޮންނާނެ ކަމަށް ބިލުގައިވެ އެވެމިހާރު ގޮނޑި ކަށަވަރު ވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލު ވާނީ ފާސްކުރެވޭ އިންތިހާބު ބޭއްވުމަށް ފަހު އިންތިހާބުވާ މެންބަރުންނާ އެކު ކަމަށް ވެސް ބިލުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355