މާދަމާއިން ފެށިގެން ކާފިއުއަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާތީ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ކުޅުދުއްފުށީ ޓާސްކް ފޯސްއިން ހާއްސަ އިލްތިމާސްއެއް ކޮށްފި އެވެ.
ޒަހޫރީ ބޭނުންތަކުގައި މާދަމާ ހެނދުނު 6 ފެށިގެން 3:30 ދެމެދު ވަގުތަކުގައި ޓާސްކް ފޯސްގެ ހުއްދަ ނެތި ބޭރުގައި އުޅެވޭނެ އެވެ. އަދި އެކަން ވަނީ ކައުންސިލުން ހާމަވެސް ކޮށްފައި އެވެ.
ކުޅުދުއްފުށީ ޓާސްކް ފޯސް އިން މިރޭ ނެރުނު ނޯޓެއްގައި ވިޔަފާރިތަކަށް ވަކިން ހާއްސަކޮށް އިލްތިމާސްކޮށްފައިވަނީ ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރިތައް ބަންދުކޮށްފައި ބަހައްޓައިގެން ހިދުމަތް ދެވޭނެ ގޮތްތަކެއްވާނަމަ އެގޮތަށް ރާވައިގެން ކުރިއަށްގެންދިޔުމަށެވެ.
އަދި ހުޅުވައިގެން ހިދުމަތްދޭ ފިހަރާތަކުން އެ ފިހަރާތަކަށް އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދު ތަނުގެ ބޮޑުމިނަށް ބަލައި ކަނޑައަޅައި ބޭރުގައި ފެންނާނެހެން ހަރުކުރުމާއި ގިނަ ވަގުތު ކަސްޓަމަރު ފިހާރަށް ގޮސް އުޅުމުގެ ބަދަލުގައި ފިހާރައަށް މުދާ ހޯދުމަށް ދިއުމުގެ ކުރިން މުދަލަށް އޯޑަރު ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވިޔަފާރިތަކަށް ވަނީ ޓާސްކް ފޯސްއިން އިލްތިމާސްކޮށްފައި އެވެ.
އަދި ކަސްޓަމަރު އޯޑަރު ދެއްވާ މުދާ ތައްޔާރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ރޭވުމާއި ނަގުދު ފައިސާގެ މުއާމަލާތްތައް މަދުކުރުމަށް ވަނީ އެދިފައި އެވެ. އަދި ވިޔަފާރިތަކާއި އާންމުން ރައްޔިތުން ފިހާރައިގެ ބޭރުގައި އިޖުތިމާއި ގައިދުރުކަން ބަހައްޓައގެން ކިޔު ހެދުމުގެ މުހިންމުކަންވެސް ޓާސްކް ފޯސް އިން ވަނީ ފާހަގަކޮށްފަ އެވެ.
ޓާސްކް ފޯސް އިން ވަނީ ކާފިއު ގަޑިތަކުގައި އެއްވެސް ވިޔަފާރިއެއް ހުޅިވައިގެން ޚިދުމަތް ނުދިނުމަށްވެސް އިލްތިމާސްކޮށްފަ އެވެ.
🚨 ⚠️ އިއުލާން ނަންބަރު (IUL)266/266/2020/47 (30 އޭޕްރިލް 2020) އާއި ގުޅިގެން ވިޔަފާރިތަކާއި އާންމުން އަމަލު ކުރަންވީ...
Posted by Kulhudhuffushi Council on Thursday, April 30, 2020
މީގެ އިތުރުން އާންމުންނަށްވެސް ވަނީ މުހިންމު އިލްތިމާސްތަކެއްކޮށްފައި އެވެ. އެގޮތުން ވިޔަފާރި ކުރާ އާންމު ފަރާތްތަކުން ދުރާލައި ރާވައިގެން 3-4 ދުވަހުގެ މުދަލަށް އޯޑަރު ދިނުމުގައި ޑެލިވަރީގެ ނިޒާމް ހިޔާރު ކުރުމާއި ގައިދުރުކަން ބެހެއްޓުމާއި ސާފުތާހިރުކަމަށް އިސްކަން ދިނުން ހިމެނެ އެވެ.
ޓާސްކް ފޯސް އިން ބުނީ މި ހައްސާސް ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް، ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ބަލިފަތެރުމަށް ހުރި މަގުތައް ބަންދުކުރުންކަމުގައިވެސް ޓާސްކް ފޯސްގެ ނޯޓުގައިވެ އެވެ.