ކުޅުދުއްފުށީގައި އުޅޭ ޒަރޫރީ ބޭނުންތައް ނުފުދިފައި ތިބި އާއިލާތަކާއި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ޓާސްކް ފޯސް އިން ފަށައިފި އެވެ.
ކުޅުދުއްފުށީ ޓާސްކް ފޯސް އިން ބުނީ، އެކަނި ދިރިއުޅޭ އިސް ރަށްވެހިންގެ މައުލުމާތުވެސް ޓާސްކް ފޯސް އިން އެއްކުރަމުންދާ ކަމަށެވެ. އެގޮތުން ފުދުންތެރިކަން ދަށްވުމުގެ ސަބަބުން ޒަރޫރީ ބޭނުން ކަށަވަރުނުވާ އެކަނިވެރި މައިންނާއި ބަފައިން އެއްވެސް ސަބަބަކާ ހުރެ ޒަރޫރީ ބޭނުންތައް ފުރިހަމަނުވާ މީހުންގެ އާއިލާތައްވެސް ދެނެގަތުމަށް ބޭނުންވާ ކަމަށެވެ.
ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ބޯހިޔާވަހި ކަމާއި، ކާބޯތަކެތި، ބޯފެން، ކަރަންޓް ފަދަ އަސާސީ އެންމެހާ ކަންތައް ހިމެނޭނެކަމަށް ޓާސްކް ފޯސް އިން އާންމުކުރި ނޯޓްގައިވެ އެވެ. ޓާސްކް ފޯސް އިން ބުނީ ތޮއްޖެހިގެން ނުވަތަ ޒަރޫރީ ބޭނުން ނުފުދި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުވެސް ނަގަން ނިންމާފައިވާ ކަމަށާ އެފަދަ މައުލޫމާތު އެނގޭ ފަރާތްތަކުން އެކަން ޓާސްކް ފޯސްގައި ހިއްސާކޮށްދެއްވުމަށް އެދޭ ކަމަށެވެ.
📌ކުޅުދުއްފުށީ ކޮވިޑް-19 ޓާސްކު ފޯސްގެ ފަރާތުން ތީރީގައިވާ ހާލަތްތަކަށް ފެތޭ މީހުން/އާއިލާ ތަކުގެ މަޢުލޫމާތު އެއްކުރުމަށް...
Posted by Kulhudhuffushi Council on Friday, May 1, 2020
ޓާސްކް ފޯސް އިން ބުނީ ކުޅުދުއްފުށީގައި އުޅޭ ޒަރޫރީ ބޭނުން ނުފުދިފައި ތިބި އާއިލާތަކާއި ބިދޭސީންގެ މައުލޫމާތު އޮންލައިން ފޯމް މެދުވެރިކޮށް ފުރާ ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. އަދި އެފަދަ ފަރާތެއް އެނގޭނަމަ ސޯޝަލް ސަޕޯޓް ޑެސްކުގެ ހޮޓްލައިން 6527173އަށް ގުޅައި ނުވަތަ އޮންލައިން ފޯމް މެދުވެރިކޮށް ވީ އެންމެ އަވަހަކަށް މައުލޫމާތު ހިއްސާ ކުރުމަކީ އެފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި އަމިއްލައަށް ގުޅުވައިގެން ނުވަތަ މިފަދަ ފަރާތެއް އެނގޭ އެހެން ފަރާތަކަށްވެސް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާކަމަށް ޓާސްކް ފޯސް އިން މައުލޫމާތުދެ އެވެ.
ކޮވިޑް-19 ރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާއިރު އެންމެ ގިނައިން ކޮވިޑް ފެތުރިފައިވަނީ ތޮއްޖެހިގެން އުޅޭ ބިދޭސީންގެ މެދުގައި އެވެ. އެގޮތުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 261 މީހުންނާއި، 157 ދިވެހީންނާއި 51 އިންޑިއާ މީހުންނާއި އިޓަލީގެ 11 މީހުންނާއި ޕާކިސްތާންގެ ތިން މީހަކާއި ނޭޕާލް ދެމީހުންނާއި ލަންކާ ދެ މީހުންނެވެ.