ކޮވިޑް-19އަށް ފަރުވާދިނުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސިއްހީ ސާމާނު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ރާއްޖެ އަށް ހަދިޔާކުރަން ނިންމައިފި އެވެ.
އެ ރިސޯޓުގެ އޯނަރުން ކަމަށްވާ ޗެކް ރިޕަޕްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ 10،000 ޓެސްޓު ކިޓާއި، 5 ވެންޓިލޭޓަރާއި، 100،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީޓީ ކިޓެވެ. މީގެ ތެރެއިން 10،000 ޓެސްޓު ކިޓު މިއަދު ރާއްޖެއަށް ގެންނާނެއެވެ. މިތަކެތި ހިފައިގެން އަންނަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އޯނަރުންނެވެ.
ޑެނިއަލް އަކީ ޗެކް ރިޕަބްލިކްގެ ބިލިއަނަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި ޖެރީ ސްމެކް އަކީ ވެލާ ރިސޯޓުގެ ހިއްސާދާރެއްގެ އިތުރުން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރެވެ.
މިއަދު ވަޑައިގަންނަވާ ހިއްސާދާރުންގެ ތެރެއިން ޑެނިއަލް ވަނީ މިދިޔަ މާޗު މަހު ޗެކް ރިޕަބްލިކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް އޭނާ ރާއްޖެއަށް ވަޑައިގަންނަވަނީ އެ ބައްޔަށް ފަރުވާ ލިބި އެއްކޮށް ރަނގަޅު ވުމުން ކަމަށް ވެލާ ރިސޯޓުން ބުންޏެވެ.
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 491 އަށް އަރާފައިވާއިރު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރެންޑަމްކޮށް ޓެސްޓު ކުރި މީހުން ވެސް ހިމެނެ އެވެ. އެހެން ކަމުން ގިނަ މީހުން ޓެސްޓު ކުރުމަށް ވީހާ ވެސް ގިނަ ޓެސްޓު ކިޓު ރާއްޖެއަށް ބޭނުންވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.