ކުޅުދުއްފުށީގެ ކޮވިޑް-19 ގެ ޓާސްކް ފޯސްއަށް އަންގާވެސް ނުލައި މާލޭގައި ތިބި ބަޔަކު މޯލްޑިވިއަން ފުލައިޓެއްގައި ކުޅުދުއްފުއްޓަށް ފޮނުވާލައިފި އެވެ.
އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާކޮށްފައިވާ ވަގުތެއްގައި އަދި ޓާސްކް ފޯސްއަށް މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް އެ މީހުން ކުޅުދުއްފުއްޓަށް ގެނެސްފައިވާކަން ޓާސްކް ފޯސްގެ އޮފިޝަލަކު ވަނީ ކޭއޯއަށް ކަށަވަރުކޮށްދީފައި އެވެ.
އޮފިޝަލް ވިދާޅުވީ އެ މީހުން މޯލްޑިވިއަން ފްލައިޓެއްގައި އެ މީހުން އަންނަކަން ޓާސްކް ފޯސްއަށް އެނގުނީ ނުރަސްމީކޮށް ގާތްގަނޑަށް ފްލައިޓް ޖައްސަން ކުޑަވަގުތު ކޮޅަކަށްވެފައިވަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފްލައިޓްގައި 7 މީހުން ގެނެސްފައިވާއިރު ދެ މީހުން ނިސްބަތްވަނީ ކުމުންދޫއަށެވެ. އަނެއް ފަސް މީހުންނަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހުންނެވެ. އެ ފަސް މީހުން އެމްޕީއެލްގައި ހުންނަ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައިވާއިރު އަނެއް ދެ މީހުން އަދިވެސް ތިބީ އެއާޕޯޓްގައި އެވެ.
އޮފިޝަލް ވިދާޅުވީ، މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދަނިކޮށް ރަށްރަށުގައި އެ މީހުން ކަރަންޓީނުކުރާނެ އިންތިޒާމުތައް ފުރިހަމަނުކޮށް، އަދި މިހާލަތުގައި ޓާސްކް ފޯސްއަށް ނާނގަ މާލެއިން ބަޔަކު ފޮނުވާލުމަކީ ޒިންމާދާރުކަން ކުޑަ ފިނޑި އަމަލެއް ކަމަށެވެ. އެތަކެއް ބަޔަކު މާލެއިން ރަށަށް އަންނަ ބޭނުންވެގެން ނަންނޯޓްކޮށްފައިވަނިކޮށް ވަކި ބަޔަކު އަދެވުމަކީ ހިތާމަކުރާ ކަމެއްކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓީނުކުރާނެ އިމާރާތައް ޓާސްކް ފޯސްއިން ކަނޑައަޅާފައިވީނަމަވެސް އެ އިންތިޒާމުތައް ސަރުކާރުން މުޅި ފުރިހަމަކޮށްފައިދީފައިވާ އަދި ނުވާ ކަމަށެވެ. ރަށުން ބޭރުގައި ތިބި މީހުން އިންތިޒާމުތަކާއެކު ރަށަށް ގެންނަން ޓާސްކް ފޯސް އިންވެސް ބޭނުންވާ ކަމަށާއި ނަމަވެސް އެކަން ކުރެވެން ޖެހޭނީ އުސޫލުތަކުގެ ތެރެއިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.