ނ. މަނަދޫއިން ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓުވި 15 ސިއްހީ އެހީތެރިން އައިސޮލޭޓްކޮށްފި އެވެ.
މަނަދޫއިން މާލެ ގެނެވުނު ބަލި މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާ ނަމަވެސް އެމީހާއަކީ އަލާމާތްތަކެއް ފެނިގެން މާލެ ގެނައި މީހެއް ނޫން ކަމަށްވ އެންއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވި އެވެ. މަނަދޫއިން ޕޮޒިޓިވްވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ.
މަބުރޫކް ވިދާޅުވީ މަނަދޫގައި މަސައްކަތް ކުރަމުންދިޔަ 15 ސިއްހީ އެހީތެރިއަކު އެކަހެރިކޮށްފައިވަނީ ކޮވިޑަށް ޕޮޒިޓިވްވީ މީހަކާ ކޮންޓެކްޓްވެފައިވާތީ ކަމަށެވެ.
އެ ކޭސްގެ މައުލޫމާތު ހާމަކުރައްވާ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ އަންހެން މީހާއަކީ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން އައިޖީއެމް ހޮސްޕިޓަލަށް އައި މީހެއް ކަމަށެވެ. އޭރުވެސް އޭނާގެ ގައިގައި ފްލޫގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ހޮސްޕިޓަލުން އޭނާގެ ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓް ކުރުމަށް ނިންމީއެވެ. އަދި ޓެސްޓް ނަތީޖާ ލިބުނީ ފަރުވާއަށްފަހު އޭނާ ގެސްޓް ހައުސްއަށް ދިޔަ ފަހުން ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވީ އެ ކޭސްއާ ގުޅިގެން އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.