twitterviber whatsapp telegramfacebookyoutube instagram
21st May 2024

މާލޭގައި ތިބި ރަށްރަށުގެ މީހުން އަނބުރާ ފޮނުވުމުގައި އިސްދޭނެ މީހުން ހާމަކޮށްފި

ޚަދީޖާ އާދަމް
May 5, 2020

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ މީހުން ޖެންޑާ މިނިސްޓްރީން ހާމަކޮށްފި އެވެ.

ރަށަށް ފޮނުވުމުގައި އެންމެ ފުރަތަމަ ބެލެވޭނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ނުވަތަ އޭގެ ފަހުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންނަށް ކަމަށާއި އަދި މާލެއިން ރަށްރަށަށް ދިއުމަށް ހުއްދަދޭ މީހުން ސަރުކާރުން އަންގާ ގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަށަށް ފޮނުވުމުގައި އިސްކަންދޭނެ މީހުން

• އާސަންދަ ނުވަތަ އެންސްޕާގެ އެހީތެރިކަމާއި އެކު ބޭސްފަރުވާއަށް މާލެ އައިސް އެނބުރި ރަށަށް ނުފުރިފައިވާ މީހުން،

• ފަސް އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް މާލެ އައިސްފައިވާ މީހުން،

• ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، އެ މީހުންގެ އާއިލާގެ މީހުން،

• ބޭސް ފަރުވާއަށް މާލެ އައިސްފައިވާ 65 އަހަރުންމަތީ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ މީހުން،

• ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ އެހީތެރިން،

• ނަފްސާނީ ބައްޔަށް ފަރުވާކުރަމުންދާ މީހުންގެ ތެރެއިން، ވަގުތީ ގޮތުން މާލެ އައިސް އަނބުރާ ދިރިއުޅޭ ރަށަށް ނުދެވިފައިވާ މީހުން،

• ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރަމުންދާ މީހުންނާއި އެމީހުންގެ އެހީތެރިން،

• ރަށަށް ދިއުމަށްޓަކައި 15 އޭޕްރީލް އާއި 20 އޭޕްރިލް އާއި ދެމެދުގެ މުއްދަތުގައި ޓިކެޓް ނަގާފައިވާ މީހުން،

• ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތައް،

• ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ލޮކްޑައުން ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ މީހުން،

• ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ މީހުންގެ ތެރެއިން އެނބުރި ރަށަށް ނުފުރި ހާލުގައި ޖެހިފައިވާ މީހުން،

• އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާންބޭނުންވާ މީހުން،

• ދަރިން/ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިން، މުސްކުޅި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުން އެކަނި ނުވަތަ ވަގުތީ ގޮތުން އެހެން ބަޔަކާއި ބެލުން ހަވާލުކޮށްފައިވާ މީހުން،

• އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ އެކަނި ދިރިއުޅެމުންދާ އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުން،

• ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖްތިމާއީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެންނެތި، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުން،

• އާމްދަނީ ހޯދޭނޭ ދޮރުތައް މާލެއިން ބަންދުވެ ރާއްޖޭގެ އެހެން ރަށަކުން އާމްދަނީ ހޯދޭނޭ މަގުފަހިވެ ދިރިއުޅުން އެފަދަ ފުރުސަތު އޮތް އެހެން ރަށެއްގައި ދިރިއުޅެން ނިންމާފައިވާ މީހުން

• އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތައް

މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަރާ ފޭބުން މަނާކޮށް މާލެ އޮތީ ލޮކްޑައުން ކޮށްފައެވެ. އެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

ޖެންޑާއިން ބުނީ އެ މިނިސްޓްރީއަށް ހުށައަޅާ މީހުންގެ ތެރެއިން އިސްކަންދޭ މީހުން ކަނޑައަޅާނީ އެ މިނިސްޓްރީން ކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355