ކޮވިޑް-19 ޖެހިފައިވާ މީހުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރަން ސަރުކާރުން މިއަދު ފަށައިފި އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ބަލީގެ މީހުންނަށް މިހާރު ހާއްސަ ކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލެވެ. މިހާތަނަށް މި ބަލީގެ މީހުން އެޑްމިޓްކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީގަ އެވެ.
ރާއްޖޭގައި އަމިއްލަ ފަރާތްތަކެއް ގުޅިގެން ފުރަތަމަ ބިނާކުރި ޓާޝަރީ ހޮސްޕިޓަލާއި ސަރުކާރާ ދެމެދު ވެފައިވާ ތިން މަސް ދުވަހުގެ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ހޮސްޕިޓަލަށް މިއަދު ހަވީރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މާބަނޑު މީހަކު ގެންގޮސްފަ އެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ވިހަށް އައިޖީއެމްއެޗަށް ގެންގޮސް ހެދި ޓެސްޓުންނެވެ.
މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން އެހެން ބަލި މީހުންނަށް ފަރުވާދިނުން ވަނީ މެދުކަނޑާލައިފަ އެވެ. އަދި އެ ދުވަހުން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރު ވެސް ހިދުމަތް ހޯދަމުން ގެންދާ އަދި ހިދުމަތް ބޭނުންވާ މީހުންނަށް، ވަގުތީ އިމަޖަންސީ ކްލިނިކްގެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ސެންޓަރު އިމާރާތުން ދަނީ ފޯރުކޮށްދެމުންނެވެ.
ރާއްޖެގައި ހުރި އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލް ކޮވިޑް-19 އަށް ހާއްސަކޮށް، ސަރުކާރަށް ދޭން ނިންމާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މިގޮތަށް ނިންމީ ކުރިއަށް އޮތް ތަނުގައި ދަރުމަވަންތަ ހޮސްޕިޓަލަށް ބާރުބޮޑު ވެދާނެ ކަމަށް ބަލާފައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ރިސޯޓު ހިންގުމުގައި އެންމެ ކާމިޔާބު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކްރައުން ކޮމްޕެނީ އާއި ކާސާ ހޯލްޑިންގްސް އާއި ޗަމްޕާ ބްރަދާސް އާއި ކުރެއްދޫ ހޯލްޑިންގްސް ހިއްސާ ވެގެން އުފެދި ޓްރީ ޓޮޕް އިންވެސްޓްމަންޓުގެ ތަނެކެވެ.