twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބޯޑަރު ހުޅުވާލުމުން ފުރަތަމަ އަންނާނީ އިޓަލީގެ ޓޫރިސްޓުން

May 8, 2020

ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމުން އެންމެ ފުރަތަމަ އަންނާނީ އިޓަލީގެ ޓޫރިސްޓުން ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީން ބުނީ، މިހާރު އަޅާފައިވާ ދަތުރުފަތުރު ކުރުމުގެ ހުރަސްތަކަށް ލުޔެއް ގެނެސް، ރާއްޖެ ހުޅުވާލުމުން ވީ އެންމެ އަވަހަކަށް އިޓަލީން ޓޫރިސްޓުން އައުމުގެ ޝައުގުވެރިކަން ހުރިކަމަށް އިޓަލީގެ ޓްރެވެލް އެޖެންޓުން ބުނެފައިވާ ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީން ވަނީ އިޓަލީން މީހުން ގެނައުމުގެ ގޮތުން އެ ގައުމުގެ ޓްރެވަލް ކުންފުނިތަކާއެކު ހާއްސަ ވެބް ސެމިނާއެއް ބާއްވާފަ އެވެ. އަދި އިޓަލީގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވެލް އެޖެންޓް ކަމަށްވާ އީޒީ މާކެޓް ޓްރެވެލް ސޮލިއުޝަނުން ބޭއްވި ހާއްސަ އޮންލައިން ސެމިނާ (ވެބިނާ) ގައި ވެސް ރާއްޖޭން ވަނީ ބައިވެރިވެފައި ވެއެވެ.

އީޒީ މާކެޓް ޓްރެވެލް ސޮލިއުޝަނުން އަންނަނީ އިޓަލީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެ ކުންފުނީގެ ހިދުމަތްތައް ދެމުންނެވެ. އެގޮތުން 1999 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އަންނަނީ އިޓަލީ ޓޫރިސްޓުން ހާއްސަކޮށްގެން ޗުއްޓީ ޕެކޭޖުތައް ވިއްކަމުންނެވެ. އިޓަލީއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓަކު އައި ގައުމެވެ. އެ ގައުމުން ޓޫރިސްޓުން އަންނަން ފަށާފައި ވަނީ 1972 ވަނަ އަހަރު އެވެ.

އެ ކުންފުނިން ބުނީ އެ ސެމިނާގައި 100 އަށްވުރެ ގިނަ ޓްރެވެލް އޭޖެންޓުން ބައިވެރިވެފައިވާ ކަމަށާ، ރާއްޖެއާބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރި އިރު މިހާރު މިއޮތް ހާލަތުގައި ވެސް ރާއްޖޭގެ ޝައުގުވެރިކަން ނުގެއްލޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355