މެޑްޓެކް މޯލްޑިވްސްއާ ހަވާލުކޮށްގެން ސަރުކާރުން ގެންނަ ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރެއް ގެންނަން އަންނަ އާދިއްތަ ދުވަހު ހާއްސަ މަތިންދާބޯޓެއް ބޭއްވުމަށް ނިންމައިފި
ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސް އިން މިއަދު ބުނީ ވެންޓިލޭޓަރުތައް ގެންނަން މަތިންދާބޯޓެއް ބާއްވަން މިއަދަށް ތާވަލް ކުރި ނަމަވެސް މިއަދު މާ ބޮޑަށް ބިޒީވުމުން އެ ދަތުރު ނުބޭއްވުނީ ކަމަށެވެ.
ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވަނީ ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރޭތީ ކުރިމަތިވާ ހާލަތަށް ތައްޔާރުވާން މެޑްޓެކްއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު މި މަހުގެ އެކެއްގައި، އަދި 10 ވެންޓިލޭޓަރު މި މަހުގެ 15 ގައި ރާއްޖެއަށް ގެންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ވެންޓިލޭޓަރުތައް މިއަދު ގެނެވޭ ގޮތް ނުވުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާދިއްތަ ދުވަހު ބާއްވާ ފްލައިޓް 'ޔޫއެލް 101' ގައި އިސްކަންދޭނީ ވެންޓިލޭޓަރުތައް ގެންނަން ކަމަށާއި ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތިބީ ގައުމާ އެކު ކަމަށެވެ.
ރާއްޖެ އަށް ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައި ވަނީ މެޑްޓެކްގެ އިތުރުން ނާޑް ކުންފުންޏާއި ޔޫއޭއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ އެވެ.