ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ލިބޭ އާ މެޝިނާއެކު ދުވަހުން ދުވަހަށް ޓެސްޓް ހެދޭ މިންވަރު 600 އަށް އިތުރުވެގެންދާނެ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ޓެސްޓް ހެދެނީ އައިޖީއެމްއެޗްގެ ލެބޯޓަރީގައި ހުރި މެޝިނަކާއި ފުލުހުންގެ ފޮރެންސިލް ލެބްގައި ހުރި މެޝިނަކުންނެވެ. މި ދެ މެޝިނުން މިހާރު ކޮވިޑަށް ޓެސްޓް ކުރަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް 400 ޓެސްޓް ކުރެވޭނެކަމަށް މީގެ ކުރިން އެންއިއޯސީން ވަނީ ބުނެފައެވެ.
މި މަހުގެ 17 ވަނަ ދުވަހު ޕީސިއާރު ޓެސްޓް ހެދޭނެ އިތުރު މެޝިނެއް ރާއްޖެ ގެނެވޭކަން ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ އާ މެޝިނާއެކު ދުވާލެއްގެ މައްޗަށް 600 އާއި 650 އާ ދެމެދު ޢަދަދެއްގެ ޓެސްޓް ހެދޭނެ ކަމަށެވެ.
މީގެ އިތުރުން އެސްޓީއޯއިން ވެސް އަންނަނީ އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެސްޓީއޯއިން ޕީސީއާރު ޓެސްޓް ހަދާ މެޝިން ގެނައުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.