twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތީގެ ދެނީ

May 10, 2020

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ހަދިޔާކުރުމަށް ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އެގައުމުގެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އިން މި ފަހަރު ގެންނަ އެހީގެ ޝިޕްމަންޓަކީ ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ފޯނުން ގުޅުއްވައިގެން ކުރެއްވި މަޝްވަރާތަކަށް ފަހު ދެއްވަން ނިންމެވި އެހީގެ ބައެއް ކަމަށެވެ.

ރާއްޖެއަށް ހަދިޔާކޮށްފައިވާ 580 ޓަނުގެ ކާބޯތަކެތި ވަރަށް އަވަހަށް ރާއްޖެއަށް ގެންނާނެ ކަމަށާއި އެތަކެތި އަންނާނީ އައިއެންއެސް ކޭސަރީގައި ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.

އިންޑިއާއިން ގެންނަ ޝިޕްމެންޓްގައި ހިމެނެނީ:

- 200 ޓަނުގެ ހަނޑޫ

- 140 ޓަނުގެ ގޮދަންފުއް

- 120 ޓަނުގެ ރީނދޫ މުގު

- 26 ޓަނުގެ ފިޔާ

- 14 ޓަނުގެ އަލުވި

އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ ކާބޯތަކެތީގެ އެ އެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ.

އައިއެންއެސް ކޭސަރީ ފުރަތަމަ ދިވެހިރާއްޖެއަށް މުދާ ބޭލުމަށްފަހު ސަރަހައްދުގެ އެހެން ގައުމުތަކަށް އެހީއާއިގެން ދަތުރު ކުރާނެ ކަމަށްވެސް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ އިންޑިއާއާއި ދިވެހިރާއްޖެ އެއްބަސް ވާގޮތުގައި ކޮވިޑް-19 ބަލިމަޑުކަމާއި މި ބަލިމަޑުކަމުގެ ސަބަބުން ދެގައުމުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ހުރިހާ ކަމަކުން އަރައިގަތުމުގެ އެންމެ ފުރިހަމަ ސްޓްރެޓެޖީއަކީ ސަރަހައްދީ ގައުމުތަކުން އަތްގުޅާލައިގެން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

ހައި ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވަނީ ކާބޯތަކެތީގެ މި އެހީ އަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ބަރަކާތްތެރި ރަމަޟާން މަހުގައި ދެވޭ، ދެ ގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ވާ ގާތް ގުޅުމުގެ އިތުރު ހެއްކެއް ކަމަށެވެ.

މިބަލިމަޑުކަމުން އަރައިގަތުމަށް ވޭތުވެދިޔަ ދެމަސްދުވަހު އިންޑިއާއިން ވަނީ އެކި ގޮތް ގޮތުން ރާއްޖެއަށް އެހީތެރިވެފަ އެވެ. ކޮވިޑް-19 އަށް ތައްޔާރު ވުމަށް ސިއްހީ މާހިރުންގެ ޓީމަކާއި ބޭހުގެ ޝިޕްމެންޓްތަށް ފޮނުވުމާއި ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ގެނެސްދިނުން އޭގެ ތެރޭގައި ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355