އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު މިމަސް ނިމޭ އިރު ހަމަ ޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އައްޑޫއިން ކޮވިޑް-19 އަށް ޓެސްޓް ހެދެން ނެތް މައްސަލާގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރުންނާ އެކު ހެލްތު މިނިސްޓަރު އަމީން އަދި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
އެބައްދަލުވުމަށް ފަހު މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމުގެ އިންތިޒާމު މި މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށް ޑަބްލިއުއެޗްއޯއާ ހަވާލާދީ ހެލެތު މިނިސްޓަރު އަމީން ވިދާޅުވެފައިވާ ކަމަށެވެ.
އެބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި މާލޭގައި ތާށިވެފައި ތިބި އައްޑޫ ރައްޔިތުންގެ ކަންކަން ހައްލު ކުރުމާއި އެހީގެ ގޮތުގައި ލިބޭ ތަކެތި ފަސޭހައިން އައްޑުއަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ބައްދަލުވުމުގައި މެމްބަރުން އެދިލެއްވި ކަންކަން ސަރުކާރުން ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެން.އީ.އޯ.ސީ މެދުވެރިކޮށް އައްޑޫސިޓީއަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން ވަނީ ރަށްރަށަށް ކޯވިޑް-19 އާ ގުޅިގެން ބޭނުންވާ ހުރިހާ މެޑިކަލް ސާމާނު ފޯރުކޮށްދެވިފައިވާކަން ޔަޤީންކޮށްދެއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.