ކޮވިޑް-19 ގެ ސަބަބުން ފަރުދުންގެ މާލީ ހާލަތު ދަށްވެ ކުއްޔަށް ދިރިއުޅެމުންދާ މީހުންގެ ތެރެއިން ކުލި ނުދެއްކޭ ހާލަތުގައި ތިބި މީހުނަށް ކުލި ކުޑަވާނެ ގޮތަކަށް ލުއިތަކެއް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓިން ހުށަހަޅާފައިވާ ހުށަހެޅުމާއެކު އެ ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލާގައި އިގްތިސާދީ ކޮމިޓީގެ ހުށަހެޅުންތަކާއެކު ތަޅުމަށް ފޮނުވި ރިޕޯޓު ފާސްކުރީ 66 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ކޮވިޑްގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް ލަފާ ދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފޮނުވި މައްސަލަ މަޖިލީހުގެ 12 ކޮމިޓީއަކުން ދިރާސާކޮށް ރިޕޯޓެއް އެކުލަވާލި އެވެ. އޭގައި 300 އަށް ވުރެ ގިނަ ހުށަހެޅުން ހިމެނެ އެވެ.
އިޖުތިމާއީ ކޮމިޓީގެ ރިޕޯޓުގައި ވަނީ އަމިއްލަ ފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކާއި ގެތަކުން ކުލި ކުޑަވާން ޖެހޭނެ ކަމަށާއި އެފަދަ ބަދަލެއް އަންނާނެ ގޮތަށް ލުއިތަކެއް ހަމަޖެއްސުމަށެވެ. އަދި ކުއްޔަށް އުޅޭ މީހުންގެ ތެރެއިން ކުލި ނުދެއްކޭ ހާލުގައި ތިބި މީހުން މަގުމަތިވިޔަ ނުދޭން ސަރުކާރާއި ލޯކަލް ކައުންސިލަތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ކޮމިޓީން ހުށަހަޅާފައިވެ އެވެ.
އިޖްތިމާއީ ކޮމިޓީގެ ރިޕޯޓަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އިތުރު ދެ ހުށަހެޅުން ހިމަނަން އިސްލާހެއް ހުށަހުޅެއްވި އެވެ. ފުރަތަމަ ހުށަހެޅުމަކީ މިދިޔަ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ތިބި މީހުނަށް ވަރަށް އަވަހަށް ފްލެޓްތައް ދޫކުރުމެވެ. ދެވަނަ ހުށަހެޅުމަކީ ކުއްޔަށް ދިރިއުޅޭ އާއިލާތަކަށް ލުއި ދިނުމުގެ ގޮތުން ސަރުކާރުން އިނާޔަތެއް ދިނުމެވެ.